ކުޅިވަރު

ރާއްޖެ އާއި އިންޑިއާގެ މެޗު އަންނަ މަހުގެ 19 ގައި


ދިވެހިރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު އަންނަ މާޗު މަހުގެ 19 ވަނަ ދުވަހު ކުޅުމަށް ހަމަޖައްސައިފިއެވެ.

މި މެޗު ކުޅޭނީ އިންޑިޔާގެ ޝިލޮންގްގައިވާ ޖަވާހިރްލާލް ނެހްރޫ ސްޓޭޑިއަމުގަ އެވެ. މި މެޗަކީ ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ރައުންޑަށް ތައްޔާރުވުމުގެ ގޮތުން އިންޑިޔާ ކުޅޭ މެޗެކެވެ. ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، އޭގެ ހަ ދުވަސް ފަހުން ބަނގަލްދޭޝްއާ ދެކޮޅަށް ކޮލިފައިން މެޗެއްގައި އިންޑިޔާ ނުކުންނާނެ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ރައުންޑްގައި އިންޑިޔާ ހިމެނެނީ ގްރޫޕް ސީގަ އެވެ. އެއީ ހޮންކޮން އާއި ސިންގަޕޫރު އަދި ބަނގްލަދޭޝްއާ އެކުގަ އެވެ.

އިންޑިޔާ މެޗަށް ދިވެހިރާއްޖެ އަދި ތައްޔާރުވާކަށް ނުފަށަ އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވެސް މިވަގުތު އޮތީ 2023 ވަނަ އަހަރު ނިމުނު ފަހުން އަދި ފެށޭގޮތް ނުވެފަ އެވެ.

ރާއްޖެ އެންމެ ފަހުން ކުޅެފައިވާ މެޗަކީ މިދިޔަ އަހަރު ބަނގްލަދޭޝްއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗެވެ. މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ފަހު މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ.