ކުޅިވަރު

ކުށްވެރިނުވެ ޗެލްސީގެ ފޯވާޑް ސޭމް ކާ ސަލާމަތްވެއްޖެ


ޗެލްސީއަށް ކުޅެމުން އަންނަ އޮސްޓްރޭލިއާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސޭމް ކާ، އިނގިރޭސިވިލާތުގެ ޓެކްސީ ޑްރައިވަރަކަށް ހަނގާކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައިން އޭނާ ސަލާމަތްވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ކިންގްސްޓަން ކޯޓުން މި މައްސަލަ ނިންމީ އިއްޔެ އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ ޓެކްސީ ދުއްވަން އިން ޑްރައިވަރެވެ. އޭނާ އަކީ ޕޮލިސް އޮފިސަރެކެވެ.

މައްސަލައިގެ ޝަރީއަތުގައި ފަނޑިޔާރު ވިދާޅުވީ ދޮން މީހުންނަކީ އުނދަގޫ ބޮޑު، ތާކުންތާކު ނުޖެހޭ ބައެއް ކަމަށް ސޭމް ކާ ބުނެފައިވާކަން އެނގޭ ކަމަށެވެ. ނަމަވެސް އޭނާ މިފަދައިން ބުނީ ތަފާތު މާނައެއްގައި ކަމަށާއި އެއީ ގަސްތުގައި، ހަނގާކުރަން ކޮށްފައިވާ ކަމެއްކަން ސާބިތުނުވާ ކަމަށެވެ.

އިންޑިޔާ ދަރިކޮޅުގެ ކުޅުންތެރިޔާ މިހެން ބުނީ ޗެލްސީ ކުޅުނު މެޗެއް ނިންމާފައި ޓީމުގެ ކުޅުންތެރިއަކާއެކު ގެއަށް ދިއުމަށް ޓެކްސީ އަށް އެރުމަށްފަހު ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ކިންގްސްޓަން ކްރައުން ކޯޓުގެ ފަނޑިޔާރު ބިލް އެމްލީން ވިދާޅުވީ ސޭމް ކާ މިފަދައިން އަމަލުކުރީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ގެއަށް ދާން ޓެކްސީ އެއް ހޯދުމަށްފަހު ކަމަށެވެ. ނަމަމަވެސް އޭނާގެ މި ވާހަކަތަކުގެ ސަބަބުން ގެ އަށް ދިއުމުގެ ބަދަލުގައި ޑްރައިވަރު މިސްރާބު ޖެހީ ސީދާ ޕޮލިހަށެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކާގެ ވަކީލު ބުނީ ކުޅުންތެރިޔާ އެފަދަ ގޮތަކަށް ބަސް މަގު ބެހެއްޓީ ބުލީކުރުމުގެ ގޮތުން ނޫން ކަމަށާއި އޭނާގެ އެހެން ބުނީ ބާރު އޮތީ ދޮން މީހުންގެ އަތުގައި ކަމަށް ބުނުމުގެ ނިޔަތުގައި ކަމަށެވެ. ފަހުން ފަނޑިޔާރު ވަނީ މި ވާހަކަ ގަބޫލުކޮށްފަ އެވެ.

ކާ އަކީ އޭނާގެ ކެރިއަރުގައި 199 ގޯލު ޖަހާދީފައިވާ މޮޅު ފޯވަޑެކެވެ. އޭނާ އަކީ އޮސްޓްރޭލިޔާގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ ވެސްމެ އެވެ. ގައުމީ ޓީމަށް ކުޅުނު 128 މެޗުން އޭނާ ވަނީ 69 ގޯލު ޖަހައިފަ އެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭނާ އަށް ލިބުނު އަނިޔާއަކށް ފަރުވާ ކުރުމަށް ކާ ހުންނަން ޖެހިފައިވަނީ ކުޅުމާ ދުރުގަ އެވެ.