އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ދާއިމީ މަންދޫބަކަށް އަޙްމަދު ސަރީރު އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. އޯއައިސީއަށް ސަރީރު އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުުއްވި ސިޓީ ވަނީ މަޖިލީހަށް އިއްވާފައެވެ.
އަޙްމަދު ސަރީރު މިހާރު ހުންނެވީ ސައުދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.
އޯއައިސީއަކީ ދުނިޔޭގެ އިސްލާމީ ޤައުމުތައް ތަމްސީލްކުރާ ޖަމާޢަތެކެވެ. 1969ގައި އޯއައިސީ އުފެދުމާއެކު އެޖަމާއަތް ވެގެން ގޮސްފައި ވަނީ މުޅި އިސްލާމީ އުންމަތުގެ އަޑު އިއްވައިދޭ ފަރާތްކަމުގައެވެ.
ބިލިޔަނަކަށްވުރެ ގިނަ މުސްލިމުން ތަމްސީލުކުރުމަށް އޯއައިސީގައި މިހާރު 57 މެންބަރު ޤައުމު ހިމެނެއެވެ.
ބައިނަލްއަގުވާމީ އެކި ޖަމުއިއްޔާތަކަށް މަންދޫބުން ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާއެވެ.