ޚަބަރު

ޓެކްސީގެ ޚިދުމަތް ދިނުމަށް އެމްޓީސީސީއަށް؛ މިއަހަރު މެދުތެރޭ ޚިދުމަތް ފަށަނީ


  • މިއީ %100 ތިމާވެއްޓާ ރައްޓެހި ޓެކްސީތަކެއް

  • މިހާރު ޓެކްސީގެ ޚިދުމަތް ދޭ މީހުންނަށް އެކަމުގެ ގެއްލުމެއް ނުލިބޭނެ

  • މިޓެކްސީ ލައިންގައި ޕާޓްޓައިމްކޮށް މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ލިބޭނެ

ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ތިމާވެއްޓާއި ރައްޓެހި ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމްއެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

ތިމާވެއްޓާއި ރައްޓެހި ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ޓެކްސީ ޚިދުމަތުގައި ބޭނުން ކުރާނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި އީވީ ޓެކްސީތައްކަމަށެވެ. އަދި ސަރުކާރުން އެ ޚިދުމަތް ފެށިނަމަވެސް މިހާރު ޓެކްސީގެ ޚިދުމަތް ދޭ މީހުންނަށް އެކަމުގެ ގެއްލުމެއް ނުލިބޭނެކަމަށެވެ. ވަޒީރު ވިދާޅުވީ މިއަހަރުގެ މެދުތެރޭގައި ޓެކްސީ ލައިން މާލެ ސަރަޙައްދަށް ތަޢާރަފްކުރައްވާނެކަމަށެވެ. އަދި ޓެކްސީ ޚިދުމަތާ ގުޅުމުގެ ފުރުޞަތު ފުލް ޓައިމްކޮށްނާއި ޕާޓްޓައިމްކޮށް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އޮންނާނެކަމަށެވެ.

"ޚިދުމަތް ދިނުމަށް އޫބަރ ނުވަތަ ގްރެބް ކޮންސެޕްޓްފަދަ ސޮފްޓްވެއަރގެ ތެރެއިން އެމްޓީސިީސީން ބަލަހައްޓާނީ. ޑްރައިވަރުންގެ ބަދަލުގައި އެމްޓީސީސީން އެކަން ބަލަހައްޓާނީ. ޓެކްސީގެ ޚިދުމަތަށް އެދޭތާ މަދުވެގެން 2 މިނެޓް ތެރޭގައި ލިބޭނެ. މި ޚިދުމަތާއެކު އެއަރޕޯޓުގެ ޓެކްސީ ކިއުގެ މައްސަލައަށްވެސް ހައްލުތަކެއް ލިބޭނެ." ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ ޓެކްސީގެ ޚިދުމަތާ ގުޅެން ބޭނުންވާ މީހުންނަށް އެކަމަށް ޚާއްސަ ޕޫލެއްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާނެކަމަށެވެ. އަދި ޓެކްސީ ލައިނަށް ޚާއްސަ އެވެއަރނެސް ޕްރޮގްރާމެއް ހިންގާނެކަމަށާއި އެ ޕްރޮގްރާމުން ފާސްވާ މީހުންނަށް ޓެކްސީ ދުއްވުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.

" ޓެކްސީ ލައިންގައި އުޅޭ ޕާޓްޓައިމް ޑްރައިވަރުންނަށް ހަފްތާއަކު ނޫނީ ދެހަފްތާއިން މުސާރަ ދެވޭނެގޮތަށް ޕްލޭން މި ހަދަނީ. މިއީ މިހާރު ވަޒީފާ ނެތް މީހުންނަށްވެސް ރައީސްގެ ސިޔާސަތުގެ ތެރެއިން ބޭނުން ހިފޭނެ ކަމެއް. ޓެކްސީ ލައިންގެ އެހީގައި މާލޭގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންވޭ އެބަ." އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.

ޓެކްސީގެ ޚިދުމަތަކީ ވަރަށް އަސާސީ މުހިންމު ޚިދުމަތަކަށްވާއިރު، މިވަގުތު ޓެކްސީތައް ޒިންމާދާރުކުރުވޭނެ އެއްވެސް ގޮތެއް ނެތްކަން ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ހުރިހާ ވަގުތެއްގައި ހުރިހާ ތަނަކަށް ދެވޭނެ ފަދަ ފަސޭހަ ގޮތަކަށް ޚިދުމަތް ބައްޓަންވެފައި ނެތެވެ. އެހެންކަމުން ޓެކްސީގެ މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން "މާލެ ފަހި" މަޝްރޫޢުގެ ދަށުން މާލެ ސަރަހައްދުގައި ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު އިންތިޒާމެއްގެ ދަށުން ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކަރުން ނިންމެވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިގޮތުން ޓެކްސީ ލައިނަކީ ފްރީލާންސް އުސޫލުން ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށްގެންދޭ ޚިދުމަތެއްކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޓެކްސީ ލައިނަކީ ދެފަރާތުން އެއްބަސްވާގޮތަށް މީޓަރު އުސޫލަކުން ދުނިޔޭގެ ގިނަ ޤައުމުތަކުން ތަޢާރަފްކޮށްގެން ދޭ ޚިދުމަތެކެވެ.