ބަނގްލަދޭޝްގެ ފުޓްބޯޅަ ކުލަބުތަކަށް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ފައިސާ ދިނުމަށް ކުލަބުތަކުން އެދެފި އެވެ.
ބަނގްލަދޭޝް ޕްރެމިއާ ލީގުގައި ވާދަކުރާ ހަތް ކުލަބަކުން މި ގޮތަށް އެދުނީ މިހާރު ހިނގަމުންދާ ސީޒަން ނިމޭތާ މަހެއްގެ ތެރޭގައި ކުރިއަށް އޮތް ސީޒަން ފަށަން ޖެހޭއިރު މާލީ ގޮތުން ކުލަބުތަކަށް ދަތިތަކެއް ދިމާވެފައިވުމުންނެވެ.
ބަނގަލްދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ 2025/2026ގެ ފުޓްބޯޅަ ސީޒަނުގައި ކުޅޭ ޓީމުތަކުގައި 20 އަހަރުން ދަށުގެ ފަސް ކުޅުންތެރިން ހިމަނައި އަބަދުވެސް ފުރަތަމަ 11ގައި އެއް ކުޅުންތެރިއަކު ކުޅުވަން ޖެހޭ ގޮތަށް ފާސްކޮށްފަ އެވެ. މީގެ އިތުރުން ބިދޭސި ކުޅުންތެރިންގެ އަދަދާއި ކުރިއަށް އޮތް ސީޒަނުގައި ކުޅޭނެ މުބާރާތްތައް ވެސް ވަރަށް އަވަހަށް ނިންމާނެ އެވެ.
ކުލަބުތަކަށް ފައިސާ ދިނުމަށް އެދިފައިވަނީ ބަނގްލަދޭޝްގެ ލީގުގައި ކުޅޭ 12 ކުލަބުގެ ތެރެއިން ހަތް ކުލަބަކުންނެވެ. ސަބަބަކީ މާލީ ގޮތުން މިހާރު ވެސް ގިނަ ކުލަބުތަކަށް ދަތިތަކެއް ވެފައިވާތީ އެވެ.
"މިހާރު ހިނގަމުންދާ ސީޒަން މި ނިމެނީ މޭގައި. ޖޫން 1 ގައި އަންނަ ސީޒަން އެބަ ފަށާ. މި މުއްދަތުގައި ކިހިނެތް ކުލަބުތަކުން ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިވާނީ. އަނެއްކާ މި ސީޒަނުގައި ވެސް ކުލަބުތަކަށް މިވަނީ މާލީ ގޮތުން ދަތިވެފައި. ކުލަބުތައް މި ހިންގަނީ ސްޕޮންސަރުންގެ ފައިސާއިން. ކިހިނެތް މި ހިނގާ ސީޒަނުގެ ދަރަނިތަކެއް އޮއްވާ އަނެއްކާ ސްޕޮންސަރުންނާއި ހެޔޮ އެދޭ މީހުން އަތުން ފައިސާ ހޯދާނީ. މިހެންވެ އެންމެ ރަނގަޅު ގޮތަކީ ތައްޔާރުވާން ފެޑަރޭޝަނުން ކުލަބުތަކަށް ފައިސާ ދިނުން،" ނަން ސިއްރުކޮށް ކުލަބެއްގެ އޮފިޝަލަކު ބަނގްލަދޭޝްގެ މީޑިއާއަށް ދިން އިންޓަވިއުގައި ބުންޏެވެ.
މާލީ މައްސަލަތައް ދިމާވެ، ފެޑަރޭޝަނުން ފައިސާ ދިނުމަށް އެދުނު ހަތް ކުލަބަކީ މުހައްމަދަން އެފްސީ އާއި ޑާކާ އަބަހާނީ އާއި ބްރަދާސް ޔޫނިއަން އާއި ރަހްމަޓަންގާއި ޗިޓަގޮން އަބަހާނީ އާއި ފަކިރެރްޕޫލް ޔަންގް މެންސް ކުލަބާއި ޑާކާ ވަންޑެރެރާސް ކުލަބެވެ.
ބަނގަލްދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައިސް ތާބިތް އައްވަލް ވިދާޅުވީ ކުލަބުތަކުގެ ހުށަހެޅުންތަކާމެދު ވިސްނުމަށްފަހު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. އަދި ލީގުގެ ގަވާއިދުތައް ނިންމާނީ ވެސް ކުލަބުތަކާ މަޝްވަރާކޮށްގެން ކަމަށެވެ.