ޚަބަރު

އެސްޓީއޯއިން ރޯދައަށް ކާށި ގެނެސްފި، ކާއްޓެއް 5 ރުފިޔާއަށް


  • ބާޒާރުގައި މިހާރު ކާށީގެ އަގު ހުރީ 10-25 ރުފިޔާއާ ދެމެދު

  • އެސްޓީއޯއިން ކާށި ވިއްކާނީ 5 ރުފިޔާއަށް ކާއްޓެއް

  • ހޮނިހިރު ދުވަހުން ފެށިގެން ކާށި ގަންނަން ލިބޭނެ

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ކާށިގެ ފުރަތަމަ ބެޗް ރާއްޖެ ގެނެސްފިއެވެ.

ރަމަޞާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސް.ޓީ.އޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައެވެ. އެގޮތުން މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރާވާފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސްޓީއޯއިން ވިދާޅުވީ މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެކަމަށެވެ. އެގޮތުން މިވަގުތު ބާޒާރުގައި ކާއްޓެއްގެ އަގު 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ހުރިނަމަވެސް ރޯދައަށް ޚާއްސަކޮށްގެން އިންޑިއާއިން އެތެރެކުރި ކާށި ވިއްކުމަށް ހަމަޖެހިފައިވަނީ 5 ރުފިޔާކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އަދި މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކާށި ވިއްކަން ފާށާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މީގެ އިތުރުން އެސްޓީއޯއިން ރޯދައަށް ގެނައި ލުނބޯވެސް ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ.

އެސްޓީއޯއިން ވަނީ ރޯދައަށް ޚާއްސަކޮށްގެން ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އޭގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ތާޒާ ތަރުކާރިއާއި މޭވާ އާއި ތައްޔާރީ ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ.