 
										
			މިދިޔަ ހަފްތާތެރޭ ރާއްޖެއަށް 54،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ ހަފްތާތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އައިސްފައިވަނީ އިނގިރޭސި ފަތުރުވެރިންވެރިންނެވެ. 
ފަތުރުވެރިކަމާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާތެރޭ ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 54،783 ފަތުރުވެރިންނެވެ. މިއީ އޭގެ ކުރީ ހަފްތާގައި ރާއްޖެއަށް އައިސްފައިވާ 55،558 ފަތުރުވެރިންނާ އަޅާ ބަލާއިރު %1 ދަށް އަދަދެކެވެ. 
މިދިޔަ ހަފްތާތެރޭ އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް ހަފްތާއެއް ތެރޭ ވަނީ 6،402 ފަތުރުވެރިން އައިސްފައެވެ. 
ފަތުރުވެރިންގެ ޖުމްލަ އަދަދުތަކަށް ބަލާއިރު، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 334،698 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 309،411 ފަތުރުވެރިންނާ އަޅާ ބަލާއިރު %8.2 އިތުރު އަދަދެކެވެ. 
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 50،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 
		
			• ޗައިނާ – 53،222 ފަތުރުވެރިން
• ރަޝިއާ- 32،721 ފަތުރުވެރިން
• އިނގިރޭސިވިލާތް – 31،925 ފަތުރުވެރިން
		
 
										
			ފަތުރުވެރިކަމާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7989 ފަތުރުވެރިން އާދެއެވެ. 
މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.