ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ އުފެއްދުންތައް މުޅިން އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި، އީޖާދީ ގޮތްތަކާއިއެކު ކުރިއަށް އޮތް ތަނުގައި ގެނެސްދޭން ނިންމާފައިވާ ޕްރޮގުރާމްތަކާއި ޚިދުމަތްތައް އިފްތިތާޙުކޮށްފިއެވެ.
ޕީއެސްއެމްއިން ގެނެސްދޭ ޕްރޮގުރާމްތަކާއި ކުންފުނިން ފޯރުކޮށްދޭ އައު ޚިދުމަތްތައް އިފްތިތާޙުކޮށްފައިވަނީ އެކަަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އަލަށް އިފްތިތާހުކުރެވުނު ޕްރޮގުރާމްތަކާއި ޚިދުމަތްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޞްރީން ވިދާޅުވީ ޕީއެސްއެމްއިން ދަނީ އެކި ޒަމާންތަކަށް ފެތޭ ގޮތަށް އައު ޚިޔާލުތަކާއި އީޖާދުތަކާއެކު ކުރިއަރަމުން ކަމަށެވެ. އަދި މިއީ ވިޝުއަލް ރިއަލިޓީއާއި އައު އީޖާދުތަކުގެ ޒަމާންކަން ފާހަގަކުރައްވަމުން ނަސްރީނު ވިދާޅުވީ 2025 ވަނަ އަހަރާއި ޕީއެސްއެމްއިން ކުރިމަތިލަނީ އައު ހުވަފެންތަކަކާއެކު އައު ގޮތަކަށް ކޮންޓެންޓް އުފެއްދުމުގެ އަޒުމުގައި ކަމަށެވެ.
"މިއަދު (އިފްތިތާޙުކުރެވުނު ޕްރޮގުރާމްތަކާއި ޚިދުމަތްތަކަކީ) މި ފަށާ މަސައްކަތަކީ އީޖާދީ އައު ގޮތްތަކާއެކު އުފެއްދުންތައް ބައްޓަންކުރަން އަޅާ ފުރަތަމަ ފިޔަވަޅު." އެމްޑީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޗެއަރޕާސަން އާމިނަތު ނަމްޒާ ވިދާޅުވީ ކޮންމެ ރޯދަ މަހަކާ ދިމާކޮށް އީޖާދީ، އުފެއްދުންތެރި ޕްރޮގުރާމްތަކެއް ޕީއެސްއެމްއިން ގެނެސްދޭ ކަމަށެވެ. އަދި އެ ޕްރޮގުރާމްތަކަކީ ބެލުންތެރިންނަށް ކަމުދާ ޕްރޮގުރާމްތަކަކަށް ހެދޭތޯ މުވައްޒަފުން ގިނަ މަސައްކަތްތަކެއްކުރާކަމަށް ނަމްޒާ ވިދާޅުވިއެވެ.
"އިހުގެ އެންމެ ކަމުދާ ޕްރޮގުރާމްތަކާއި މި ފަހުން ގިނަ ބައެއް ޕްރޮގުރާމްތައް ތަފާތުތަކަކާއެކު ފެނިވަޑައިގަންނަވާނެ. އިހުގެ ޕްރޮގުރާމްތަކުގެ ތެރޭގައި ތިޔަބޭފުޅުންގެ ފުރުޞަތު ހިމެނޭ. މިހާރުގެ މަންތިރި، ދި ސަވައިވަރ ފަދަ ޕްރޮގުރާމްތައް ފެނިގެންދާނެ." ނަމްޒާ ވިދާޅުވިއެވެ.
ޕީއެސްއެމް ޓީވީ ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ޕީއެސްއެމްގެ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކުން ގެނެސްދޭ ޕްރޮގުރާމްތައް އިފްތިތާޙުކޮށްފައިވެއެވެެ.
ކީރިތި ޤުރުއާނާމެދު ދިވެހިންގެ މެދުގައި ލޯބި އިތުރުކޮށް ރީތި ރާގުތަކާއި ތަޖުވީދާ އެއްގޮތަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ޕީއެސްއެމްއިން ބާއްވާ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތެއްކަމަށްްްވާ، އައްނޫރުލް މުބީން ޤުރުއާން މުބާރަތްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. އެންމެ ފަހުން ހުރިހާ ޤައުމަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވި މި މުބާރަތް ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. އެ ފަހަރު ރާއްޖެ ހިމެނޭހެން 11 ޤައުމަކުން މި މުބާރާތުގައި ބައިވެރިވިއެވެ. އަދި ޕީއެސްއެމްގެ ޗެނަލްތައް ބަލައި އަޑު އެހުމުގެ ފުރުޞަތު ދިވެހިންނަށް ހޯދައިދިނުމުގެ ގޮތުން ޕީއެސްއެމް އެއަރ އެޕުވެސް ވަނީ އިފްތިތާޙުކޮށްފައެވެ.
މީގެ އިތުރުން ދިވެހިންގެ މަޤުބޫލުކަން ހޯދާފައިވާ ބައެއް ޕްރޮގުރާމްތައް އަލުން ސްކްރީނަށް ގެނައުމަށް ޕީއެސްއެމްއިން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ބޮޑުބެރު ޗެލެންޖާއި މޯލްޑިވިއަން އައިޑޮލްއާއި ވޮއިސް އޮފް މޯލްޑިވްސް ހިމެނެއެވެ. ހަމައެއާއެކު އިޖުތިމާޢީ ޚިދުމަތްތެރިންނާއި ދަރުމަވެރިންގެ ޚިދުމަތްތައް އަގު ވަޒަންކޮށް އެވޯޑު ދިނުމަށް "ޕީއެސްއެމް ލެންސް" އިފްތިތާހުކޮށްފައިވެއެވެ.
އައު ޕްރޮގުރާމްތަކާއި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވާފައިވަނީ ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނެވެ. އަދި އެ އެ ޕްރޮގްރާމްތައް އިފްތިތާޙުކުރި ބޭފުޅުންވެސް ވަނީ ޕީއެސްއެމްގެ މުހިއްމުކަމާއި އެ ޕްރޮގްރާމްތަކުން ޤައުމާއި މުޖްތަމަޢުއަށް ބޮޑެެތި ފައިދާތަކެއް ކުރާކަން ފާހަގަކުރައްވާފައެވެ.