ޚަބަރު

ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނޭވެނެ އިންތިޒާމު ބީއެމްއެލުން ހަމަޖައްސައިފި


  • ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރު

  • ސަލްމާން މިސްކިތާއި ހުޅުމާލޭގެ ބްރާންޗުގައި މި އިންތިޒާމް ވަނީ ހަމަޖައްސާފައި

މި ރަމަޟާން މަހު ޢުމްރާއަށް ވަޑައިގަންނަވާ ޢުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ޚާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ވިދާޅުވީ، ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް މަލިކް ސަލްމާން، ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލުންނާއި ބީއެމްއެލް ހުޅުމާލެ ބްރާންޗް މެދުވެރިކޮށްކަމަށެވެ. އަދި ބަންދު ނޫން ދުވަސްތަކުގައި މި ޚިދުމަތް ޢުމްރާވެރިންނަށް ލިބިގެންދާނެކަން އެ ބޭންކުން ފާހަގަކުރައްވައެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް:


• 19 އިން 27 ފެބުރުވަރީ 2025: ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް
• 2 އިން 13 މާރިޗު 2025: ހެނދުނު 9:30 އިން 11:30 އަށް

މި ދުވަސްތަކުގައި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް އަދި ވިލިމާލެ ބްރާންޗުން ޢުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ނުލިބޭނެއެވެ. ނަމަވެސް، މާލެ ސަރަޙައްދުން ބޭރުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް އެންމެ ކައިރީގައިވާ ބްރާންޗަކުން ޑޮލަރު ގަތުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ ޚާއްސަ އިންތިޒާމްތަކެއް ބީއެމްއެލުން ހަމަޖައްސާފައިވާއިރު، ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކާނީ 500 ޑޮލަރުކަމަށް އެ ބޭންކުން ވިދާޅުވިއެވެ. އަދި އެއްފަހަރާ 5 ޢުމްރާވެރިންނަށް ވުރެ ގިނަނުވާ ގޮތަށް ޑޮލަރު ގަނެވޭނެކަމަށްވެސް ބީއެމްއެލުން ވިދާޅުވިއެވެ.

ބީއެމްއެލުން ވިދާޅުވީ، ބީއެމްއެލް ޑެބިޓް ކާޑަކުން ނުވަތަ ނަގުދު ފައިސާއިންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެކަމަށެވެ. އަދި ޑޮލަރު ގަންނަ ވަގުތު ކޮންމެ ޢުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ހުށަހަޅަންވާނެކަމަށާއި، ޢުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެފަރާތެއްގެ އައިޑީ ކާޑުވެސް ހުށަހަޅަންވާނެކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

ބޭންކުން ޑޮލަރު ވިއްކާނީ ޢުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ ޢުމްރާވެރިންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށްކަމަށް ބީއެމްއެލުން ވިދާޅުވިއެވެ. އަދި އެހެނިހެން ޢުމްރާވެރިންނަށް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުޢާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ޑޮލަރު ނެގޭނެކަމަށްވެސް ބީއެމްއެލުން ވިދާޅުވިއެވެ.

ޢުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމް ބީއެމްއެލުން ހަމަޖައްސާފައިވާއިރު، ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހުގެ ތެރޭގައި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ޑެބިޓް ކާޑަށް އިތުރު 1500 އެމެރިކާ ޑޮލަރު ދިނުމަށްވެސް އެ ބޭންކުން ވަނީ ނިންމަވާފައެވެ.