ޚަބަރު

ބުދަ ދުވަހަކީ ފިތުރު ޢީދު ދުވަސް


މާދަމާއަކީ މިއަހަރުގެ ރަމަޟާންމަހުގެ 30 ވަނަ ދުވަސްކަމަށާއި 6 ޖުލައިވާ ބުދަދުވަހަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވައިފިއެވެ. 

މިގޮތަށް ކަނޑައަޅުއްވާފައިވަނީ، ރަމަޟާން މަހުގެ ނިމުމާއި ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ކަނޑައެޅުއްވުމަށްޓަކައި މިރޭ ބޭއްވި ހަނދު ސާބިތުކުރުމާބެހޭ ކޮމެޓީގެ ޖަލްސާގައެވެ. 

ހަނދާ ބެހޭ ގަރާރުގައި ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް ޝައްވާލުމަހުގެ ހަނދު ސާބިތުވެފައި ނުވާކަމަށާއި އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާކަމަށެވެ.  ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުންވެސް މި ރަމަޟާންމަހަކީ، 30 ދުވަސް ހިމެނޭ މަހެކެވެ.