ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ މާލީ ދަތިތަކަށް ހައްލު ހޯދުމަށް، އެ ދަރިވަރުންނަށް ދެމުންގެންދާ ޚިދުމަތްތައް އޮޓޮމޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދެމުންގެންދާ ޚިދުމަތްތައް ފުލީ އޮޓޮމޭޓްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ. އަދި މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދުމަށް އެ ވުޒާރާއިން ވޯލްޑް ބޭންއާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން އެ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުލީ އޮޓޮމޭޓެޑް ޕްރޮސެސްއަކަށް ބަދަލުކުރުމަށް އައު ނިޒާމެއް ތައާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށާއި، އޮކްޓޯބަރު މަހުގެ ކުރިން ނިންމަން ރޭވާފައިވާ އެ އައު ސިސްޓަމްގައި މޮބައިލް އެޕްލިކޭޝަނެއް ހިމެނޭނެ ކަމަށް އެވުޒާރާއިން ފާހަގަކުރެއްވިއެވެ.
މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އައު ސިސްޓަމް މެދުވެރިކޮށް ދަރިވަރުންނަށް އެމީހުންގެ ފޯމުގެ ސްޓޭޓަސްއާ، ޕޭމަންޓް ޕެންޑިންގ އަދި ޑިސްބަރސްމަންޓް ތާރީޚުތައް ފަސޭހައިން ބަލާލެވޭނެކަމަށެވެ. އަދި މި އައު ސިސްޓަމްގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އޭއައި ބޮޓެއް ހިމެނުމަށް ރޭވިފައިވާ ކަމަށާއި، މިހާރު އެ ބޮޓް ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި އައު ސިސްޓަމް ތަޢާރަފުކުރުމުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެ، ދަރިވަރުންނަށް ދިމާވާ އެކިއެކި މައްސަލަތައް އަވަސް މުއްދަތެއްގައި ހައްލުކުރެވިގެނަދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެ ސިސްޓަމްގެ ސަބަބުން އިތުރު ޚިދުމަތްތަކަށް އިސްކަންދީ، ދަރިވަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ވަގުތު ލިބިގެންދާނެއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިހާރު ވެސް ސެމީ-އޮޓޮމޭޓެޑް ޕްރޮސެސްއެއްގެ ދަށުން ލޯނު، ސްކޮލަރޝިޕް އަދި ފުރަތަމަ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންނަށް ޚިދުމަތް ފޯރުކޮށްދެމުންދެއެވެ.