ޚަބަރު

ރާއްޖޭގައި ހިންގަން ހުއްދަދީފައިވާ ކޯސްތައް ރާއްޖެއިން ބޭރުގައި ހިންގާ މައްސަލަ ފެންމަތިވެއްޖެ


  • އެ ޕްރޮގްރާމްތައް ހިންގާފައިވަނީ އެމްކިއުއޭއިން ގަބޫލުނުކުރާ ބޭރުގެ މަރުކަޒުތަކުގައި

  • މިކަމާއި ގުޅިގެން ލިބޭ ގެއްލުމުގެ ޒިންމާ އެމްކިއުއޭއިން ނުނަގާނެ

ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ކޯސްތަކާއި ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގަމުންދާކަމަށާއި، ނަމަވެސް ހުއްދަ ނުހޯދައި ހިންގާ އެފަދަ ޕްރޮގްރާމްތަކުން ދޫކުރާ ސެޓްފިކެޓު ބަލައިނުގަންނާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެމް.ކިއު.އޭ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ބައެއް މަރުކަޒުތަކުން، ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް އަދި ސެޓްފިކެޓު ދީފައިވާކަމަށް ބޭރުގެ ބައެއް އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެމްކިއުއޭއިން އެކްރެޑިޓުކޮށްފައިވާ ޕްރޮގްރާމްތައް ހިންގާފައިވަނީ އެ އިދާރާއިން ގަބޫލުނުކުރާ ބޭރުގެ މަރުކަޒުތަކުގައިކަމަށް އެމް.ކިއު.އޭއިން ވިދާޅުވިއެވެ.

އެމްކިއުއޭގެ އެކްރެޑިޓޭޝަނާއި ހިލާފަށް ހިންގާ ކޯސްތަކުން ދޭ ސެޓްފިކެޓުތައް ބަލައިނުގަންނާނެކަން ފާހަގަކުރައްވާ އެ އޮތޯރިޓީން ވިދާޅުވީ ޤަވައިދާ ޚިލާފަށް ސަނަދު ދިނުމުގެ ސަބަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި މި ގެއްލުމުގެ ޒިންމާ އެމްކިއުއޭއިން ނުނަގާނެކަމަށްވެސް އެ އޮތޯރިތީން ވިދާޅުވިއެވެ.

އެމްކިއުއޭއިން ވަނީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ހިންގުމަށް އެދިފައެވެ. އަދި ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ކޯސްތައް ހިންގުމަކީ މަތީ ތައުލީމަށް ލިބޭ ކުރިއެރުމެއްކަމަށް ގަބޫލުކުރާތީ، އެކަމާއި ގުޅުން ހުރި އުސޫލެއް ހަދަމުން އަންނަ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވިދާޅުވެއެވެ.