ޚަބަރު

ކަރަންޓުގެ މައްސަލަ ހައްލުކުރަން 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް އައްޑުއަށް ގެންގޮސްފި


  • އައްޑޫ ސިޓީގެ ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވާތާ އަހަރުތަކެއްވަނީ ވެފަ

  • އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ރޯދައިގެ ކުރިން ޙައްލުކުރެވޭނެކަމަށް ފެނަކައިން ވިދާޅުވޭ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެއް އެ ސިޓީއަށް ގެންގޮސްފިއެވެ.

އައްޑޫސިޓީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މި ރަމަޟާންމަހަށް ހައްލުކުރެވޭނެކަމުގެ ޔަޤީންކަން ފެނަކަ ކޯޕަރޭޝަނުން ވަނީ ދެއްވާފައެވެ.

ފެނަކައިން ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން 1.8 މެގަވޮޓްގެ އާ ޖެންސެޓެއް މިހާރު އެ ސިޓީއަށް ގެންގޮސްފައިވާކަމަށެވެ.

އައްޑޫ ސިޓީގެ ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވާތާ އަހަރުތަކެއްވަނީ ވެފައެވެ. ނަމަވެސް މިހާތަނަށް ދާއިމީ ޙައްލެއް ނުލިބި އޮތުމަކީ އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، އައްޑޫސިޓީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝާންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރ ސެޓްތަކުގެ ތެރެއިން 3 ގެނެރޭޓަރަކަށް މައްސަލަ ދިމާވެ، އެ ޖަނެރޭޓަރުތައް މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށެވެ. މިކަމުގެ ސަބަބުން އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން ޖެހިފައިވާކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށްޓަކައި އެ ކުންފުނިން މަސައްކަތްކުރަމުންދާކަމަށްވެސް ފެނެކައިން ވިދާޅުވިއެވެ.

ރަމަޟާން މަހަކީ ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށްވާތީއާއި އައްޑޫ ސިޓީގައި ތަރައްޤީގެ އެކި އެކި މަޝްރޫއުތައް ކުރިއަށް ދާއިރު، ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުންދާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ފެނަކައިން ދަނީ މަސައްކަތްކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދާއި ލަފާފުޅާއެކު އައްޑޫސިޓީގެ ކަރަންޓަށް ދާއިމީ ހައްލު ހޯދުމަށް މަސައްކަތް ފަށައި، ދޮޅު އަހަރު ތެރޭ ޢަމަލީ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާކަމަށްވެސް ފެނަކައިން ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެ ސިޓީގައި 32 މެގަވޮޓްގެ ޕަވަރ ހައުސްއެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތްވެސް ދިގުމުއްދަތަކަށް ހުއްޓިފައި އޮތުމަށްފަހު، އެ މަސައްކަތް އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން ގެންދަވަނީ އަޅުއްވަމުންނެވެ.