ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސްކަމުގެ މަޤާމަށް، ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަންކުރައްވައިފިއެވެ.
މި ދެ ބޭފުޅުން އައްޔަންކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. މި ދެބޭފުޅުންވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 26 ވީ އާދިއްތަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް މިދިޔަ އަހަރު ގެންނެވި އިޞްލާހާ ގުޅިގެން މިހާރު އެ ކޮމިޝަނަށް ރައީސާއި ނައިބު ރައީސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ހޮވަނީ އެކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އިލެކްޝަންސް ކޮމިޝަނަކީ 7 އޮގަސްޓް 2008ން ފެށިގެން އަމަލުކުރަން ފެށި ޤާނޫނުއަސާސީގެ ދަށުން އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ. މިއީ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި ސިޔާސީ ޕާޓީތައް ރަޖިސްޓަރީކޮށް، ޤާނޫނުގެ ދަށުން ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމަށް އުފައްދަވާފައިވާ މުއައްސަސާއެކެވެ.
އިލެކްޝަންސް ކޮމިޝަން އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިވަގުތު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ޑރ. މުޙައްމަދު ޒާހިރާއި، މެންބަރު ޙަސަން ޒަކަރިއްޔާއާއި، މެންބަރު ޢަބްދުލްހަސީބް އިސްމާޢީލާއި، މެންބަރު މުޙައްމަދު ޒާހިދު އަދި މެންބަރު ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ.