ޚަބަރު

އެސްޓީއޯއިން ހެޔޮ އަގެއްގައި ލުނބޯ ވިއްކަން ފަށައިފި


  • ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު މިހާރު އުޅެނީ 75ރ އާއި 85ރ އާއި ދެމެދު

  • އެސްޓީއޯއިން ލުނބޯ ވިއްކަނީ ކިލޯއެއް 40ރ އަށް

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ހެޔޮ އަގެއްގައި ލުނބޯ ވިއްކަން ފަށައިފިއެވެ.

ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސް.ޓީ.އޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައެވެ. އެގޮތުން މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރާވާފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސްޓީއޯއިން ވިދާޅުވީ މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެކަމަށެވެ. އެގޮތުން މިހާރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު މިހާރު އުޅެނީ 75ރ އާއި 85ރ އާއި ދެމެދުގައެވެ. މިއާއެކު އެސްޓީއޯއިން މިވަނީ އަގު ހެޔޮކޮށް ލުނބޯ ވިއްކަން ފަށާފައެވެ.

އެސްޓީއޯއިން ލުނބޯ ވިއްކާ އަގުތައް

ލުނބޯ ކިލޯއެއް – 40ރ
ލުނބޯ ފޮށިގަނޑެއް (5 ކިލޯ) – 145ރ

ލުނބޯގެ އިތުރުން ރޯދައަށް ހާއްސަކޮށްގެން އެސްޓީއޯއިން ދަނީ ފިޔާ އަދި ކާށިވެސް ހެޔޮއަގެއްގައި ވިއްކަމުންނެވެ. އެސްޓީއޯއިން ކާއްޓެއް 5ރ އަށް ވިއްކަމުންދާއިރު، ބާޒާރުގައި މިވަގުތު ކާށީގެ އަގު އުޅެނީ 10ރ އާއި 25ރ އާއި ދެމެދުއެވެ. އެސްޓީއޯއިން ފިޔާ ވިއްކަމުންދަނީ ކިލޯއެއް 15ރ އަށެވެ.

އެސްޓީއޯއިން ވަނީ ރޯދައަށް ޚާއްސަކޮށްގެން ހަތަރު ކެޓެގެރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އޭގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ތާޒާ ތަރުކާރިއާއި މޭވާ އާއި ތައްޔާރީ ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް އެތެރެކުރުމަށް ހަމަޖެހިފައިވެއެވެ.