ޚަބަރު

ޢިލްމާއި، ހިލްމާއި، ފަންނު އެއްޖީލުން އަނެއް ޖީލަށް ފޯރުކޮށްދޭ ވަޞީލަތަކީ މާދަރީބަސް


  • ދެވޭ ސަމާލުކަށް ކުޑަވުމުގެ ސަބަބުން ގިނަ މާދަރީބަސްތައް ވަނީ ހީނަރުވެފައި

  • ޙަޤީޤީ މާނައިގައި ތަރައްޤީވުމުގައި މާދަރީބަސް މުހިންމު

ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރަނީ ނެތެމުންދާ ބަސްތަކުގެ މަތިން ހަނދާކޮށް، އެ ބައެއްގެ މާދަރީބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅައި ދުވަހެއްގެ ގޮތުގައެވެ.

މާދަރީބަހުގެ ދުވަހެއް ފާހަގަކުރަންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް ހުރެއެވެ. ބައެއްގެ އާދަކާދައާއި ސަގާފަތް ގުޅިލާމެހެނީ އެބައެއްގެ ބަހާއެވެ. ބައެއްގެ ދިރިއުޅުމާއި ޚިޔާލާއި ފިކުރުވެސް ގުޅެނީ މާދަރީބަހާއެވެ. ޔުނެސްކޯއިން ވިދާޅުވާ ގޮތުގައި ބައެއްގެ އާދަކާދައާއި ސަގާފަތް ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ މާދަރީބަހެވެ. އެހެންކަމުން މާދަރީބަސް ދިރުވާ، ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަން އދ.ން ނިންމީ 1999ވަނަ އަހަރުއެވެ. މި އަހަރަކީ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރަން ފެށިތާ 25 އަހަރު ފުރޭ ރިހިޔޫބީލެވެ. މާދަރީބަހުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށް ބަސް މުހިންމު އެއްޗަކަށް ހަދާށެވެ"އެވެ.

މިއަދު އެންމެ ބޮޑަށް ވިސްނާލަންޖެހެނީ މާދަރީބަސްތަކަށް އައިސްފައިވާ ހީނުރުވުންތަކާ މެދުގައެވެ. ދުނިޔޭގެ އާބާދީގެ 40 އިންސައްތަ މީހުންނަކީ އަމިއްލަވަންތަ މާދަރީބަހުން ތަޢުލީމު ޙާސިލުކުރުމުގެ ފުރުޞަތު ލިބިފައިނުވާ މީހުންކަން އ.ދއިން ފާހަގަކުރައްވައެވެ. މިކަން މިއޮތީ ޔުނިސެފްއިން ކަނޑައަޅުއްވާފައިވާ ޝިޢާރާ މުޅިން ޚިލާފަށެވެ. މާދަރީބަހަކީ ޤައުމެއްގެ ތަރައްޤީއަށާއި ކުރިއެރުމަށް މުހިންމު އެއްޗެވެ. ނަމަވެސް މުޖުތަމަޢުތަކަށް ހީވެފައި އޮތީ އެހެނެއް ނޫނެވެ.

ދިވެހިންގެ އަމިއްލަ ބަސްކަމުގައިވާ ދިވެހިބަސް ދަސްކޮށްދިނުމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހިބަހުގެ އުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ މި ފަހަރުގެ ޝިޢާރުން ދޭހަކޮށްދެނީ މާދަރީބަހަށް އިހުމާލުވާ މިންވަރު ގިނަކަން ކަމަށެވެ. އަދި މާދަރީބަހަށް އިހުމާލުވެގެން ޙަޤީޤީ ތަރައްޤީއެއް ނުގެނެވޭނެކަމަށް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ. ޤައުމެއް ކުރިއަރާނީ އެ ޤައުމެއްގައި ތިބޭ އިންސާނުން ކުރިއަރައިގެން ފާހަގަކުރައްވާ މީހުން ތަރައްޤީވެ ތަޢުލީމީ ބަޔަކަށްވުމުގައި މާދަރީބަހުގެ މުހިންމުކަން ޢަބްދުލްޢަޒީޒް ފާހަގަކުރެއްވިއެވެ.

"މާދަރީބަހުން ވާހަކަދައްކަންޏާ ފަހުމުވާ މިންވަރު އިތުރުވާނެ. ކިޔެވުމުގައި ޝާމިލުވާ މިންވަރު އިތުރުވާނެ. އިންސާނާގެ ލޮޖިކް ނުވަތަ ސިކުނޑި ތަރައްޤީކޮށްދޭނެ. ދިރާސާތަކުން ދައްކާ ގޮތުން ކިޔަވާ އެއްޗެއް ރަނގަޅަށް ހަނދާނުގައި ހުންނާނީވެސް މާދަރީބަހުން ކިޔަވައިދިނިއްޔާ." ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

ޢަބްދުލްޢަޒީޒް ވިދާޅުވީ ބަހަކީ ޢިލްމާއި ހިލްމާއި ފަންނު އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދޭ އެންމެ މުހިންމު ވަޞީލަތް ކަމަށެވެ. އެ ގޮތުން ރާއްޖޭގައިވެސް ދިވެހިންގެ ހުނަރުތަކާއި މަސައްކަތްތެރިކަމާއި ތާރީޚުގެ ޢިލްމުތައް އެއް ޖީލުން އަނެއް ޖީލަށް ވާޞިލުކޮށްދިނީ ދިވެހިބަސް މެދުވެރިކޮށްކަމަށް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ. އެހެންކަމުން ބައެއްގެ ސަގާފަތާއި އާދަކާދައާއި އުޅުންތައް މާދަރީބަހާ ގުޅިލާމެހިފައިވާކަމަށް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

ދިވެހިންގެ މާދަރީބަސްކަމުގައިވާ ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ ބަހެވެ. މީގެ އެތައް ހާސް އަހަރެއް ކުރިން މި ރާއްޖޭގައި އުޅުނު މީހުން ވާހަކަދައްކަމުން އައި ބަހެވެ. ހަމައެކަނި މި ބަހަށް ޚާއްސަ އަކުރުތަކަކާއި އަޑުތަކެއްވެއެވެ. ދިވެހި ބިމާއި ކަނޑާއި ފަޅުތައް އެންމެ ރީތިކޮށް ސިފަކޮށްދެވޭނީ މި ބަހުންނެވެ. ދިވެހިންގެ އުޅުންތަކާއި ސަގާފަތާއި އާދަކާދަ އެންމެ ރީތިކޮށް ބަޔާންކޮށްދެވޭނީވެސް ދިވެހިބަހުންނެވެ.

އަޅުގަނޑުމެން ފިޠުރަތުގެ ސާފުކަންމަތީ އުފަންވެ ނޭވާލީ ދިވެހި ޖައްވަކަށެވެ. އުފަންވީ ދިވެހި ބައްޕައަކާއި މަންމައެއްގެ ފުށުންނެވެ. ބޮޑުވީ ދިވެހިބަހުގެ ތެރެއަށެވެ. ކުޑައިރު ކީ ދިވެހި ބަންޖެވެ. ކުޅެމާ ކުޅެމާއާއި މި އިނގިލި ބުންޏޭފަދަ ރީތި ދޫފުރޮޅިތަކެވެ. އަޅުގަނޑުމެންގެ ފަރިތަބަހަކަށް ދިވެހިބަސް ހަދަން ޖެހެއެވެ. އަދި މި ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު އެއްޗަކަށް ދިވެހިބަސް ހަދަންޖެހެއެވެ. މާދަރީބަހެއް ލިބުމުގެ ފައިދާކުރާނީ އޭރުންނެވެ. ދިވެހިވަންތަ ގޮތްތަކާއި ދިވެހި ޙަޟާރަތެއް ދިވެހި ބިމުގައި ދެމިއޮންނާނީވެސް އޭރުންނެވެ.