 
										
			ތުރުކީވިލާތުން ފަލަސްތީނުގެ ޣައްޒާއަށް އެތަށްހާސް ޓަނެއްގެ އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދީފިއެވެ.
 
ތުރުކީ ސަރުކާރުން ބުނީ، އިންސާނީ އެހީގެ 500 ކޮންޓެއިނަރ ޣައްޒާއަށް ފޮނުވުމަށް އެޤައުމުން މަސައްކަތް ކުރަމުން ގެންދާކަމަށާ މީގެތެރެއިން ސަތޭކަ އަށްވުރެ ގިނަ ކޮންޓެއިނަރ މިހާރު ޣައްޒާއަށް ގެންގޮސްފައިވާނެ ކަމަށެވެ.
 
ތުރުކީވިލާތުން ޣައްޒާގެ ރައްޔިތުންނަށް މިހާރު ފޯރުކޮށްދީފައިވާ 11000 ޓަނުގެ އިންސާނީ އެހީގެ ތެރޭގައި ހިމެނެނީ ކާބޯތަކެއްޗާއި ބޭހާއި އަންނައުނާއި ކުޑަކުދިން ކުޅޭ ސާމާނުގެ އިތުރުން ސާފުތާހިރުވުމަށް ބޭނުންކުރާ ބާވަތްތައް ކަމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ބުނެއެވެ.
 
އިސްރާއީލުގެ ޙިސާރުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ތުރުކީވިލާތުން އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދެމުން މިގެންދަނީ ތުރުކީވިލާތާއި އިސްރާއީލާ ދެމެދުގައިވާ ގުޅުންތައް އަލުން ރަނގަނޅު ކުރުމަށް އެދެޤައުމުން އެއްބަސްވުމާ ގުޅިގެންނެވެ.
 
ތުރުކީވިލާތާއި އިސްރާއީލުގެ ގުޅުންތައް މީގެ ފަސްވަރަކަށް އަހަރުކުރިން ގޯސްވެގެން ދިޔައީ ޣައްޒާއަށް އިންސާނީ އެހީ ހިފައިގެންދިޔަ ތުރުކީވިލާތުގެ އާގުބޯޓަކަށް އިސްރާއީލު ސިފައިން ހަމަލާދީ އޭގައިތިބި ތުރުކީ ރައްޔިތުންގެ ތެރެއިން ނުވަމީހުން މަރާލުމާ ގުޅިގެންނެވެ.