މަތީ ތަޢުލީމަށް ކިޔަވައިދިނުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފާ މިންވަރު އަދިވެސް އިތުރުކުރަންޖެހޭކަމަށް މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ތަޢުލީމީ ދާއިރާގައި ބައިވެރިވާ ގިނަ ފަރާތްތަކެއް ހިމެނޭގޮތަށް ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓާއި ބެހޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ދަސްވެނިވާ ދަރިވަރުންނަކީ ޤާބިލް، ހުނަރުވެރި އަދި ވަޒީފާތަކުގައި ދެމިތިބޭނެ އަޚްލާގުގެ ވެރިބަޔަކަށް ހެދުމަކީ އަމާޒެއްކަމަށެވެ.
މި މަޝްވަރާ ބައްދަލުވުމަކީ، ތަޢުލީމީ ދާއިރާގައި ބައިވެރިވާ ފަރާތްތައް ޝާމިލްކޮށް، އެ ފަރާތްތަކުގެ ތަޖުރިބާއާއި މަޝްވަރާތަކާއެކު، ކުރިމަގުގައި ތަމްރީނު ޕްރޮގްރާމްތައް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތައް ފާހަގަކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި މަޝްވާރާ ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ތަޢުލީމީ ދާއިރާގައި ޝާމިލްވާ މުހިއްމު މުއައްސަސާތައް ހިމެނިގެން ކުރިއަށްދާ މި މަސައްކަތް ގުޅިފައިވަނީ ސަރުކާރުގެ އަމާޒެއްކަމުގައިވާ ހުރިހާ ދިވެހިންނަށް ވަޒީފާ ފަހިކުރުމުގެ ސިޔާސަތާކަމަށެވެ. މިގޮތުން ވަޒީފާގެ ފުރުޞަތު ފަހިކުރުމުގެ ސިޔާސަތުތައް، ފުރިހަމަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލުމަށް ކޮށްފައިވާ ދިރާސާގައި މުޅި ރާއްޖެ ހިމެނޭހެން އިޤްތިޞާދީ 7 ދާއިރާއަކުން މަޢުލޫމާތު އެއްކުރެވިފައިވައިކާމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ބޭނުންތަކާއި ވަޒީފާ ހުށަހަޅާ ފަރާތްތައް ގުޅުވާލަދިނުމަށްޓަކައި ބޭނުންވާ ކަންތައްތައް މި ދިރާސާގެ އަލީގައި ދެނެގަނެވިފައިވާކަމަށެވެ. އަދި މިހޯދުންތަކުގެ އަލީގައި މިހާރު އަމާޒު ހިފައިފައިވަނީ، ދިގު ރާސްތާގައި ދެވިދާނެ ހިސާބެއް ކަނޑައެޅުމަށާއި، ކުރު މުއްދަތުގައި، މިހާރުވެސް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ ކަމާގުޅޭ ޢަމަލީ މަސައްކަތްތައް ފެށުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ މިދިރާސާއިން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދޭންޖެހޭކަން ފާހަގަކުރެވުނުކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ބޮޑަކަށް ތަޢުލީމީ ނިޒާމުން ދަސްވެނިވެގެން ނިކުންނަ ދަރިވަރުން ވަޒީފާއަށް ޤާބިލް ހުނަރުވެރި ވަޒީފާގައި ވަޒީފާގައި ދެމިތިބޭނެ އަޙްލާގުގެ ވެރިބަޔަކަށް ހެދުން. ޒަމާނީ ވަސީލަތްތަކާއި މެތަޑްތައް ބޭނުންކޮށްގެން ކޯސްތައް ހިންގުމަށް ހާއްސަ ސަމާލުކަމެއް މަތީ ތަޢުލީމުގެ ޕްރޮގްރާމުގައި ގެންނަން ޖެހޭކަން ފާހަގަކުރަން." ވަޒީރު ޑރ. ޙައިދަރު ވިދާޅުވިއެވެ.
ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ގޮތުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާއާއި ވާރލްޑް ބޭންކުން ގުޅިގެން ކުރިއަށްގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން އިޤްތިޞާދީ ދާއިރާތަކަށް ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތުގެ ހުނަރުތައް ދެނެގަތުމަށްޓަކައި ހިންގާފައިވާ ދިރާސާއެކެވެ.