ޚަބަރު

އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ލަންކާގެ ބޮޑުވަޒީރާއެކު މަޝްވަރާކުރައްވައިފި


  • ވަޒީރު ވަނީ ރާއްޖޭގެ ތަރައްޤީއަށް ލަންކާއިން ވެދޭ އެހީތެރިކަން ފާހަގަކުރައްވާފައި

  • ތައުލީމީ ދާއިރާއިންނާއި އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވި

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ޤައުމުގެ ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔެއާއެކު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މަޝްވަރާކުރައްވައިފިއެވެ.

ޚާރިޖީ ވަޒީރު ސްރީލަންކާއަށް މިހާރު ކުުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި އެ ޤައުމުގައި އެންމެ ފަހުން ބޭއްވި އިންތިޚާބުތަކުގައި ލަންކާގެ މިހާރުގެ ސަރުކާރުން ހޯއްދެވި ކާމިޔާބީއަށް ޚާރިޖީ ވަޒީރު ވަނީ މަރުހަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ރާއްޖޭގެ ތަރައްޤީއަށް ލަންކާއިން ދެގޮތެއްނުވެ، ވެދޭ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްސަކޮށް ތަޢުލީމީ ދާއިރާއިންނާއި އިންސާނީ ވަސީލަތް ތަރައްޤީކޮށްދިނުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހީންނަށް ލަންކާގައި އަމާންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ފަހިވެފައި އޮތުމުން އެކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ލަންކާގެ ބޮޑުވަޒީރުވަނީ މިހާރުވެސް އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން ދަމަހައްޓައި، ވަރުގަދަކުރަން ލަންކާގެ އައު ސަރުކާރުގެ ފަރާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި، ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި، ލަންކާއަށް ކަނޑައަޅުއްވައިފައިވާ ދިވެހި ހައިކޮމިޝަނަރު މަސްއޫދު އިމާދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޚާރިޖީ ވުޒާރާގެ އެހެނިހެން އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅެ ތެރެއިން އިއްޔެ ވަނީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެެފޭއަރ، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުއާ ބައްދަލުކުރައްވާ، ލަންކާއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ.

އެގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ވިޔަފާރީގެ ދާއިރާއިން ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަތުތައް ވިޔަފާރިވެރިންނަށް ފަހިކޮށްދިނުމަށް ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ގާއިމްކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.