އައްޑޫ ސިޓީ ހިތަދޫގައި ހުންނަ "ގާލެންޑް" ނަމަކަށް ކިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 05:11 ހާއިރުއެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަކަމަށެވެ. އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެ ގޭގައި ރޯވެފައި ހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 08:05 ހާއިރުއެވެ.
އެ ގެއަކީ މީހުން ދިރިއުޅެމުން އައި ގެއެއް ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް ގެ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.
ހިތަދޫ "ގާރލޭންޑް" ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދިރިނޫޅެވޭވަރަށް އެގެޔަށް ގެއްލުން ލިބިފައިވާތީ، އެގޭގައި ދިރިއުޅެމުން ދިޔަ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ކައުންސިލާއި ގުޅިގެން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ފޯރުކޮށްދީފައިވާކަމަށް އެއޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.