ޚަބަރު

ޑިމާންޑް ބޮޑުވުމުން މާދަމާ ރެއިން ފެށިގެން 13 ތަނަކުން މަސްދަޅު ކޭސް ބަހާނެ: ވަޒީރު އާދަމް ޝަރީފް


  • ހޮނިހިރު ދުވަހުން ފެށިގެން މަސްދަޅު ކޭސް ބަހާނީ ރޭގަނޑު އެކަނި

ރަމަޟާންމަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭހަށް ޑިމާންޑް ބޮޑުވެ މަސްދަޅު ކޭސްތައް ބެހުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކޮށްފިއެވެ. ސަރުކާރުންވަނީ ހޮނިހިރު ދުވަހުން ފެށިގެން 13 ތަނެއްގައި މަސްދަޅު ކޭސް ބެހުމަށް ނިންމަވާފައެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 20:30 ގައެވެ. ފުރަތަމަ ދުވަހުވެސް މާލެ ސަރަހައްދުގެ 9394 ގޭބީސީއަކަށް މަސްދަޅު ކޭސް ބަހާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ނޮވެންބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާފައިވާ ގޮތުގެ ތަފްސީލް ހިއްސާކުރައްވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ފުރަތަމަ ދުވަހުވެސް މާލެ ސަރަހައްދުގެ 9394 ގޭބީސީއަކަށް މަސްދަޅު ކޭސް ބަހާފައިވާކަމަށެވެ.

ފުރަތަމަ ދުވަހު މަސްދަޅުކޭސް ބެހުނު އަދަދު:

* ވިލިމާލެ: 582 މަސްދަޅު ކޭސް
* އެމްޓީސީސީ ޝޯމިލް: 2083 މަސްދަޅު ކޭސް
* މިފްކޯ: 3666 މަސްދަޅު ކޭސް
* ހިޔާ ފްލެޓް ޓަވަރު 10: 1555 މަސްދަޅު ކޭސް
* އުމަރު ޒާހިރު ބިލްޑިންގ: 1508 މަސްދަޅު ކޭސް

ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ހޮނިހިރު ދުވަހުން ފެށިގެން މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ރޭގަނޑުކަމަށެވެ. ސަބަބަކީ ދުވާލު ހޫނުގަދަވުމުގެ ސަބަބުންކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން އިތުރު ތަންތަނުން މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ޖުމްލަ 13 ތަނަކުން މަސްދަޅު ކޭސް ދޫކުރާނެކަމަށް ވިދާޅުވިއެވެ. މިއިން ކޮންމެ ތަނެއްގައި 5 މޭޒެއް ބަހައްޓައިގެން މަސްދަޅު ކޭސް ދޫކުރާނެއެވެ.

މާދަމާއިން ފެށިގެން މަސްދަޅު ކޭސް ދޫކުރާ އިތުރު ތަންތަން:

* ގަލޮޅު ދަނޑުގެ 4 ފަރާތުގެ ސިޑިބަރި ކައިރިން
* ސޯޝަލް ސެންޓަރު
* ހެންވޭރު ދަނޑު
* ހުޅުމާލެ ފޭސް1 އާއި 2ގެ އިތުރު 2 ތަނަކުން

މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަން ފެށުމާއެކު މަސްދަޅު ކޭސް ދޫކުރާ ތަނުގައި ދިގު ކިޔުތައް ވަނީ ހަދާފައެވެ. އަދި މެންދަމުން އަލިވިއިރުވެސް ކިޔޫގައި މީހުން ތިއްބެވެ.

ކިޔުގައި ގިނަ ވަގުތު އާންމުން ތިބެންޖެހުމުން އެކަމާ ހިތާމަކުރައްވާކަމަށް ވިދާޅުވެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އިންސާނީ ވަސީލަތް އިތުރުކޮށް އިންތިޒާމްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ ރޯދަމަހަށް ސަރުކާރުން ބަހާ މަސްދަޅު ކޭސް ހުރިހާ ގޭބީސީއަކަށްވެސް ލިބޭނެކަމަށެވެ. އެގޮތުން ހުރިހާ ގޭބީސީއަކަށް ރޯދަ ހަދިޔާ ލިބެންދެން މިމަހުގެ 28ގެ ފަހުންވެސް ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ދިގު ކިޔުތަކަށް އާންމުން ނޭރިނަމަވެސް ކޮންމެ ގޭބީސީއަކަށްވެސް ރޯދަ ހަދިޔާ ލިބޭނެކަމުގެ ޔަޤީންކަން ވަޒީރު އާދަމް ޝަރީފް ވަނީ ދެއްވާފައެވެ.