ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކުރައްވައިފިއެވެ.
މިމަސައްކަތް އާރްޑީސީއާ ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
މީދޫގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރްޑީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރެވެ.
މީދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ އެންމެ މުހިންމު ޚިދުމަތްތައް ލިބޭ ސަރަޙައްދުތައް ބެލުމަށްފަހު މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ސްކޫލާއި ސިއްޙީ މަރުކަޒާއި ކައުންސިލްފަދަ ތަންތަން ހުންނަ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މީދޫގެ ޖުމުލަ 14 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މީދޫގައި ހިއްކާފައިވާ ބިމާއި މިހާރު މީހުން ދިރިއުޅޭ ސަރަޙައްދާ ދެމެދު ފެންހިންދާ ނިޒާމް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢު ނިމޭއިރު މީދޫގެ ރަނގަޅު މަގުތައް ތަރައްޤީވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.