ޚަބަރު

އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް: ސީނިއަރ ޑަބަލްސްގެ ފޯރިގަދަ މެޗުތައް ނިމިއްޖެ


މިހާރު ކުރިއަށްދާ 12 ވަނަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕުގެ ސީނިއަރ ކެޓަގަރީގެ ފައިނަލް މެޗުތައް ވާދަވެރި ކުރިމަތިލުންތަކަށްފަހު ނިމިއްޖެއެވެ.

މިފަހަރުގެ މުބާރާތުގެ ސީނިއަރ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އާމިނަތު ވިދާދް އާއި އާމިނަތު ސިޔާމާގެ ޕެއާއެވެ. ވިދާދުއާއި ސިޔާމާގެ ޕެއަރ ޗެމްޕިއަންކަން ހޯދީ އާމިނަތު ވިޝާމާއާއި އާމިނަތު ޖުނާނާގެ ޕެއަރ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

ސީނިއާ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އިސްމާއިލް އަޒްމީންއާއި ހުސައިން ފާރިހުގެ ޕެއަރއެވެ. މިމެޗު އަޒްމީންއާއި ފާރިހްގެ ޕެއަރ ގެންދިޔައީ ސީދާ ދެ ސެޓުން މުހަންމަދު މުންތަސިރު އަދި އަހުމަދު މުޝްރިފުގެ ޕެއަރ ބަލިކޮށްގެންނެވެ.

މުބާރާތުގެ އޯޕަން ސިންގަލްސްގެ ކުޅުންވެސް މިހާރު ނިމިފައިވާއިރު މިބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔަމާން ޢަބްދުލް ޖަލީލެވެ. އަދި ދެވަނަ އާދަމް އަދީލް ހޯދާފައިވާއިރު، ތިންވަނަ ހޯދާފައިވަނީ އިސްމާއިލް އަޒްމީންއެވެ.

މި މުބާރާތުގެ ޖޫނިއަރ ކެޓަގަރީގެ ފައިނަލް މެޗުތައްވެސް މިހާރުވަނީ ކުޅެފައެވެ. ޖޫނިއަރ ބައިގެ 19 އަހަރުން ދަށުގެ އުމުރުފުރައިން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އަހުމަދު މައިޝާން އަދި އައިޝަތު އަލީޝާއެވެ. އަދި ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން ހޯދީ އަލީ އަހްކަމް އާދަމް އާއި މުހައްމަދު މައިޝާންގެ ޕެއާއެވެ. މިބައިގެ އަންހެންކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ އާއިޝަތު އަލީޝާ ނާފިޢު އާއި އައިޝަތު މަންޝާ ޝަމީމްގެ ޕެއާއެވެ.

އަދި 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ޒިއުނާ ބިންތި ނަޝީދު ހޯދާފައިވާއިރު މިބައިގެ ފިރިހެން ޗެމްޕިއަނަކީ އަހުމަދު ޝަމާލް ސައުދުﷲއެވެ.