ޚަބަރު

ހޮޅުދޫ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ނުލިބެނީސް ތަހުޤީޤު ހުއްޓާނުލާނަން: ވަޒީރު އިޙްސާން


  • ވަޒީރު ވަނީ ހޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައި

  • ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަޙުޤީޤަށް އެމެރިކާގެ އެފްބީއޭގެ ރައުޔު ދަނީ ހޯދަމުން

ޒަޚަމްތަކަކާއެކު ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި މިދިޔަ އަހަރުގެ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ރައްޔިތުން ކުރަމުންގެންދާ ސުވާލުތަކަށް ގަބޫލުކުރެވޭ ފެންވަރަށް ޖަވާބު ނުލިބެނީސް ތަހުޤީޤު ހުއްޓާނުލާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނު ވިދާޅުވެއްޖެއެވެ.

ވަޒީރު ޢަލީ އިޙުސާން މިހެން ވިދާޅުވީ، ޒަކިއްޔާ މޫސާގެ މަރާއި ގުޅިގެން ނ.ހޮޅުދޫގައި މިފަހުން ކުރަން ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ވަޒީރާއި ފުލުހުންގެ އިސްވެރިން ހޮޅުދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ވަޒީރެއްގެ ހައިސިއްޔަތުން ހޮޅުދޫއަށް ދެވުން ލަސްވެއްޖެ ކަމަށާއި އެކަމަށްޓަކައި ހޮޅުދޫގެ ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށެވެ.

އެ ބައްދަލުވުމުގައި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފެއްދީ މަރުގެ ބައެއް މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދާއިރު ޒަކިއްޔާގެ ހަށިގަނޑުގެ ބޭރު ފުށުންވެސް ގިނަ ޒަޚަމްތަކެއް ފެންނަން ހުރިއިރު ޕޯސްޓްމޯޓަމެއް ނުހެދީ ސަބަބާ ގުޅިގެންނެވެ.

ރައްޔިތުންގެ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި މައްސަލާގައި މީގެކުރިންވެސް އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ފަންނުވެރި ބޭފުޅަކު ޒަކިއްޔާގެ ހަށިގަނޑު ބެއްލެވިކަމަށެވެ. އެހެންނަމަވެސް އޮޓޯޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުފޮނުވާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ރައްޔިތުން ކުރަމުންގެންދާ ސުވާލުތަކަށް ގަބޫލުކުރެވޭ ފެންވަރަށް ޖަވާބު ނުލިބެނީސް ތަހުގީގު ހުއްޓާނުލާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިތަހުގީގުގައި ނުލިބިހުރި އެއްވެސް މައުލޫމާތެއް އިތުރު މީހެއްގެ ފަރާތުން ލިިބިދާނެކަމަށް ގަބޫލުކުރައްވާނަމަ އެ މައުލޫމާތު ހިއްސާކޮށްދެއްވުުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. އަދި ވަކިން ބައްދަލުކޮށް ޚިޔާލު ފާޅުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެެވެ.

ނ. ހޮޅުދޫ، ނިއުލައިފް ޢުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ މަނިކު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަޙުޤީޤަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާއި، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާކަމަށްވެސް ފުލުހުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.