ޚަބަރު

ރީތި ރާގުތަކަށް ބަންގިދޭ ޒުވާނުން އުފެއްދުމުގެ މުބާރާތް އަންނަ އަހަރު އިތުރަށް ފުޅާކުރަނީ


  • ރާއްޖޭގެ އެކި ރަށްރަށުގެ ބައިވެރިންނަށްވެސް ވާދަކުރެވޭގޮތަށް މުބާރާތް ފުޅާކުރާނެ

  • ވަނަތައް ލިބުނު ކުދިންނަށް މާލޭގެ ބޮޑު މިސްކިތްތަކުގައި ބަންގި ގޮވުމުގެ ފުރުސަތު

ރީތި ރާގުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުން އުފެއްދުމަށް ކުރިއަށްގެންދިޔަ ނޫރުލް އަޛާން މުބާރާތް އަންނަ އަހަރު އިތުރަށް ފުޅާކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ނޫރުލް އަޛާން 1446ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ މި މުބާރާތަކީ ދީނީ ކަންކަމުގައި ކުދިންގެ ހުނަރު އިތުރަށް ކުރިއެރުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ މުބާރާތެއްކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ނޫރުލް އަޛާން މުބާރާތް އަންނަ އަހަރު ރަށްރަށުގެ ބައިވެރިންނަށްވެސް ވާދަކުރެވޭ ގޮތަށް މުޅި ރާއްޖެއަށް މުބާރާތް ފުޅާކުރުމަށް ނިންމަވާފައިވާކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި މިއަހަރުގެ މުބާރާތުގެ ރަންވަނަތައް ހާސިލްކުރި ބައިވެރިންނަށްނަށް ރަމަޟާން މަހު މާލޭގެ އެންމެ ބޮޑު ދެ މިސްކިތްކަމަށްވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ބަންގި ގޮވުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޒުވާނުން މިފަދަ އެކި ރޮނގުތަކުން ކުރިއަށްދާ މަންޒަރު ފެނިގެންދާކަމީ އިސްލާމީ މުޖުތަމަޢުއައް އުފާވެރިކަމެއްކަމަށާއި އެފަދަ ކުދިން ޚިޔާރުކޮށްފައި އެވަނީ ވަރަށް ހެޔޮ މަގެއްކަމަށްވެސް ވަޒީރު ސިފަކުރެއްވިއެވެ.

ނޫރުލް އަޛާން 1446 ގެ ފަޚުރުވެރި އެއްވަނަ ޙާސިލްކޮށްފައިވަނީ ސުލައިމް މުޙައްމަދު ލަޠީފެވެ. މި މުބާރާތުގެ ދެވަނަ ޙާސިލުކުރީ ޙަމްޒާ ބިން ޙަސަންއެވެ. އަދި މުބާރާތުގެ ތިން ވަނަ ޙާސިލުކޮށްފައިވަނީ މުޙައްމަދު ހަނޫން ޙުސައިންއެވެ. މުބާރާތުގެ އެކި ވަނަތަކަށް ދިޔަ ބައިވެރިންނަށް ޓްރޮފީއާއި ހަނދާނީ ލިޔުމާއެކު ޚާއްސަ އެކި އިނާމުތަކެއް ވަނީ ދީފައެވެ.

މި މުބާރާތަކީ ރީތި ރާޤުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމަށް ކުރިއަށްގެންދިޔަ މުބާރާތެކެވެ. އަދި މިއީ ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި މި ފަންނުގެ ރޫޙު އާލާކުރުމާއި ދިރުވުމާއި ކުރިއެރުވުމަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މީގެ އިތުރުން މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅޭ ފަރާތްތަކުގެ އަގުވަޒަންކުރުމާއި މާލެސިޓީއާއި މުޅި ރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުމުގެ ބޭނުމުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ.