ރޭގެ ވަގުތެއްގައި ނިޔާވި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ސީނިއަރ މެއިންޓަނަންސް އޮފިސަރ އާގިލް ޝަމީމްގެ ކަށު ނަމާދު މާދަމާ މެންދުރު ނަމާދަށްފަހު އޮންނާނެއެވެ.
ޕީއެސްއެމްގައި ޒިންމާދާރު މަސައްކަތްތަކެއް ކުރަމުންދިޔަ އާގިލް ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އާގިލްގެ މޫނު ދެއްކުން އޮންނަނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން ހުޅުމާލޭ ސަހަރާގައެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.
އޮފީސް މަސައްކަތުގައި އުޅެނިކޮށް ދިމާވި ސިއްހީ މައްސަލައަކާއި ގުޅިގެން އާގިލް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިމަހުގެ 23 ދުވަހުއެވެ.
ޕީއެސްއެމްގެ ކޯޕަރޭޓް ސެކްޝަންގައި ސީނިއަރ މެއިންޓަނަންސް އޮފިސަރގެ މަގާމުގައި ހުރި އާގިލްއަކީ އޮފީހުގެ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް ހިތް ހެޔޮ، އަދި ހުރިހާ މުވައްޒަފުންނަށްވެސް އެކި ކަންކަމުގައި ވަރަށް ބޮޑަށް އެހީތެރިވަމުންދިޔަ މުވައްޒަފަކެވެ. އޮފީހުގެ މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ އާގިލްއަކީ ޕީއެސްއެމްގެ އެކި ޕްރޮގްރާމްތައް ޝޫޓްކުރުމަށް ސްޓޫޑިއޯތައް ތައްޔާރުކުރުމުގައިވެސް ވަރަށް ބޮޑު ދައުރެއް އަދާކުރާ މުވައްޒަފެއްކަން ޕީއެސްއެމްގެ މެނޭޖްމަންޓުން ފާހަގަކުރައްވައެވެ. މީގެއިތުރުން އާގިލްއަކީ އޮފީހުގެ މަސައްކަތު މީހުންގެ ކަންކަމާއި އަދި އެނޫންވެސް މެއިންޓަނަންސާބެހޭ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރަމުންދިޔަ ހީވާގި މުވައްޒަފެކެވެ.