ޚަބަރު

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް


  • މިއަހަރު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ އޭޕްރީލް 7ގައި

  • މިއަހަރު ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28ގައި

ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ގޮސްފިއެވެ.

މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލަކުންވެސް މި ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓު ފޮތް ދިނުން މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ.

2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 26 ވަަނަ ދުވަހުގައެެވެ. އަދި މިހާރު މި ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުން މިވަނީ ޗުއްޓީއަށް ގޮސްފައެވެ. ބައެއް ސްކޫލްތަކުގައި ދަރިވަރުންނަށް ރިޕޯޓް ފޯމް ދިނުމަށްޓަކައި އެކަން ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ބޮޑު ޗުއްޓީ ދިމާވެފައިމިވަނީ ރަމަޟާންމަހާއެވެ.

އެކަޑަމިކް ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން މިއަހަރު ދިރާސީ އައު އަހަރު ފެށޭނީ އޭޕްރީލް މަހުގެ 7ވަނަ ދުވަހުގައެވެ. ތައުލީމީ ވުޒާރާއިން އާންމުކުރައްވާފައިވާ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24ވަނަ ދުވަހުގައެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10ވަނަ ދުވަހުގައެވެ. ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28ވަނަ ދުވަހުއެވެ.

މީގެ ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައެވެ. ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި، ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން އެފަހަރުގެ ދިރާސީ އަހަރު ފަހަތަށް ސޮއްސާލުމާއެކު، ދިރާސީ އައު އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021ގައި ވަނީ ބަދަލުކޮށްފައެވެ.

އެގޮތަށް ބަދަލު ކުރުމުން ބޮޑު ޗުއްޓީ ދިމާވަނީ ޖޫން ޖުލައިއަށެވެ. އެ ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރު ކަމަށްވުމުން އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ގިނަ ބަޔަކު އެދުނު އެއްދުމާ އެއްގޮތަށް ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ.

ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލު ވާނީ 2026 ވަނަ އަހަރުއެވެ.

މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. އެއާއެކު 2026 ވަނަ އަހަރު ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ލިބޭނެއެވެ.