ޚަބަރު

ދަނޑުވެރިކަމާ ބެހޭ ވަޒީރު ދަތުރުވެރިންގެ މާރުކޭޓަށް، ދަނޑުވެރިންގެ ވާހަކަތައް އަޑުއެއްސެވި


  • ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ހުރީ ކިހާމިންވަރަކަށްތޯ ބެއްލެވި

  • ވަޒީރު ވަނީ ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައި

މާރުކޭޓުގައި ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ހުރި މިންވަރު ދެނެގަނެގަތުމަށް ދަތުރުވެރިންގެ މާރުކޭޓަށް ޒިޔާރަތްކުރައްވާ ދަނޑުވެރިންގެ ކަންބޮޑުވުންތައް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އަޑުއައްސަވައިފިއެވެ.

ވަޒީރު ގެ މިޒިޔާރަތުގައި ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ހުރީ ކިހާމިންވަރަކަށްތޯ ބައްލަވައި، އެތަކެތި މާރުކޭޓަށް ގެނައުމުގެ ކަންކަން ކުރިޔަށްދާގޮތްވެސް ވަނީ އޮޅުންފިލުއްވާފައެވެ.

ވަޒީރުގެ މި ޒިޔާރަތުގައި މާރުކޭޓްގައި ތަކެތި ވިއްކުމަށް ތިބި ބައެއް ދަނޑުވެރިންނާއި، ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް މާރުކެޓްގައި ވިއްކާ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާ، އެފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ އަޑު އައްސަވާފައެވެ. އަދި ދިވެހި ދަނޑުތަކުގައި އުފައްދާ ތަކެތި މާކެޓްކުރުމުގައި ހުރި ގޮންޖެހުންތަކާއި، ގުޅޭގޮތުން ދަނޑުވެރިންގެ މަޝްވަރާއާއި ޚިޔާލުތައް ވަޒީރުވަނީ އަޑު އައްސަވާފައެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމާއި، ޤައުމުގައި ކާބޯތަކެތީގެ ޔަޤީކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.


ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެދާއިރާއިން ޒުވާނުންނަށް ބޭނުންވާ އިތުރުއެހީތެރިކަން ފޯރުކޮށްދީ، ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް ރާވަމުން އަންނަކަމަށް ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ވިދާޅުވެފައެވެ.

ދަނޑުވެރިކަމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިމަސައްކަތަށް ޚާއްސަ އިޤްތިޞާދީ ސަރަހައްދެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ދަނޑުވެރިކަމުގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިމަސައްކަތަކީ ދިވެހި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

ދަނޑުވެރިކަމާބެހޭ ވަޒީރު ގެންދަވަނީ ރަށްރަށަށް ޒިޔާރަތްކުރައްވާ ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވަމުންނެވެ.