ޚަބަރު

ދިވެހިންގެ ޤައުމިއްޔަތާއި ސަގާފަތް ދައްކުވައިދޭގޮތަށް ތަރައްޤީކުރި ރަސްމީ ފާލަން ހުޅުވައިފި


  • ރަސްމީ ފާލަން މިހާރު އެންމެ ބޮޑަށް ވައްތަރީ އެންމެ އިހުގައި ހުރިގޮތަށް

  • ފާލަން ތަރައްޤީކުރީ ގިނަ ދުވަހު ބޭނުންކުރެވޭނެގޮތަށް

ދިވެހިންގެ ޤައުމިއްޔަތާއި ސަގާފަތާއި ދިވެހި ވަންތަކަން ދައްކުވައިދޭގޮތަށް ތަރައްޤީކުރުމަށްފަހު މާލޭގެ ރަސްމީ ފާލަން ނުވަތަ ޢިއްޒުއްދީން ފާލަން އަލުން ހުޅުވައިފިއެވެ.

ޢިއްޒުއްދީން ފާލަން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރަސްމީ ފާލަން އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެމްޓީސީސީއާއި ޙަވާލުކުރީ 2023 ވަނަ އޮގަސްޓްމަހުއެވެ. މި މަޝްރޫޢަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރިއެވެ. ރަސްމީ ފަލަން ތަރައްޤީކޮށްފައިވަނީ ދިވެހީންގެ ޤައުމިއްޔަތާއ،ި ސަޤާފަތް ރަމްޒުކޮށްދޭގޮތަށް އަދި ގިނަ ދުވަހު ބޭނުންކުރެވޭނެގޮތަށެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެން، ކުރިން ބޭނުންކުރަމުންދިޔަ ރަސްމީ ފާލަމުގެ ޑިޒައިނަށް ބަދަލުގެނެސް ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތަން ހުޅުވައި "ޢިއްޒުއްދީން ފާލަން" ނަމުން ނަންދިނެވެ. އޭގެކުރިން އެތަންހުރީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މިނިވަން 25 ފުރުމުގެ މުނާސަބަތުގައި ހެދި ލަކުޑި ފާލަމެކެވެ. އޭގެކުރިން އެތަން ހުރީ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ހުރި ބޮޑު ފާލަމުގެގޮތުގައެވެ.

އަދުގެ ސަރުކާރުން ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކުރީ އެތަން މަރާމާތުނުކޮށް ގިނަދުވަހު ހުރުމުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވުމުންނެވެ. އެ ފާލަން ސަރުކާރުން ތަރައްޤީކޮށްފައިވަނީ 1950ގައި ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ފާލަން ހުރި ގޮތް އަސްލަކަށް ބަލައިގެންނެވެ.

ރަސްމީ ފާލަން ނުވަތަ ޢިއްޒުއްދީން ފާލަމަކީ ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް ފައިބައިވަޑައިގަތުމަށް ބޭނުންކުރައްވާދިވެހި ޖުމްހޫރިއްޔާގެ ޢިއްޒަތާއި، ސިޔާދަތާއ،ި ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ.

މިއީ ވެރިރަށް މާލޭގެ މަލަމަތިން ފެނިގެންދާ އެންމެ މުހިންމު އެއް ބިނާވެސްމެއެވެ.

މި ފާލަމަކީ ވަރަށް ގިނަ ރިސޯޓުތަކާއި އަދި މާލެ ސަރަޙައްދަށް އަންނަ ކްރޫޒް ލައިނާތަކުންވެސް ފަތުވެރިން މާލެއަށް އަރާ ފޭބުމަށްވެސް ބޭނުންކުރާ ފާލަމެވެ.

ޢިއްޒުއްދީން ފާލަން ނިސްބަތްވާ އައްސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަކީ ހޮޅިންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވުމަށް ފަހު، ރާއްޖޭގައި ހަތް އަހަރު ވަންދެން ރަސްކަން ކުރެއްވި ރަސްކަލެވެ.