ޚަބަރު

މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި މިފަހަރު ޙިފުޡްކޮށް ތަރާވީޙް ނަމާދުކުރާނެ


  • މާލޭގެ 16 މިސްކިތެއްގައި ތަރާވީޙް ނަމާދުކުރާނެ

  • ހުޅުމާލޭގެ 7 މިސްކިތެއް އަދި ވިލިމާލޭގެ 1 މިސްކިތް ހިމެނޭ

މިއަހަރުގެ ރަމަޟާންމަހު މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙް ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މިސްކިތްތަކުގައި ޙިފުޡްކޮށް ތަރާވީޙް ނަމާދުކުރެއެވެ.

މިއަހަރު މާލެ ސަރަހައްދުގައި ޙިފުޡްކޮށް ތަރާވީޙް ނަމާދުކުރާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ 16 މިސްކިތަކާއި، ހުޅުމާލޭގެ 7 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ 1 މިސްކިތް ހިމެނެއެވެ.

މާލޭގައި ޙިފުޡްކޮށް ތަރާވީޙް ނަމާދުކުރާ މިސްކިތްތައް:

މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)
މަސްޖިދު މަލިކި ސަލްމާން
މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގެ މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލު (ދުނބުރި މިސްކިތް)
މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް)
މަސްޖިދު ޞަލާޙުއްދީން
މަސްޖިދުލް ފުރުޤާން
މަސްޖިދުއްނޫރު
މަސްޖިދު އިބްރާހީމް
މަސްޖިދުއް ޝަހީދު ޢަލީ
މަސްޖިދު އިސްކަންދަރު
މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)
މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
މަސްޖިދުއް ޛިކުރާ

ހުޅުމާލޭގައި ޙިފުޡްކޮށް ތަރާވީޙް ނަމާދު ކުރާ މިސްކިތްތައް:

މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް)
މަސްޖިދު ޢަޒީޒާ މޫސާ
މަސްޖިދުލް ވާލިދައިނި
މަސްޖިދު މުޙައްމަދު
މަސްޖިދުލް އަޞްދިޤާ
މަސްޖިދު ޙަސަން އާދަމް
މަސްޖިދު އަމީލު ޖަލީލު

ވިލިމާލޭގައި ޙިފުޡްކޮށް ތަރާވީޙް ނަމާދުކުރާ މަސްޖިދުލް އިޚްލާޞް ގައިކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މާލޭގެ ބޮޑެތި މިސްކިތްތަކުގައި މި އަހަރު ތަރާވީޙު ނަމާދާއި ދަމު ނަމާދު ޒުވާން ޚަތީބުން އިމާމުވެ ކުރާގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ނަމާދުކުރާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފްއެވެ.

ސަލްމާން މިސްކިތުގައި، ތަރާވީޙް ނަމާދާއި ދަމު ނަމާދު ކުރާނީ ޙާފިޒުންވެސް އިޢުލާނުކޮށްފައެވެ. ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރާނެ ޒުވާން ޙާފިޒުންނަކީ އާދަމް މިޝްޢަލް ޝާމިން، މުޙައްމަދު މިޝްޢަލް ޢާޡިމް އަދި ޢަބްދުﷲ އަޙްސަން ސަޢިދުއެވެ.

އެހެން މަސްމަހަށްވުރެ ރަމަޟާންމަހު ދީނީ އަޅުކަންކަމަށް މީހުން އިސްކަންދޭއިރު، ތަރާވީސް ނަމާދާއި ދަމުނަމާދަށް އެތައްބަޔަކުދެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުވެސް ކޮންމެ އަހަރަކުވެސް ކޮންމެވެސް މިސްކިތެއްގައި އިމާމުވެ ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރައްވައެވެ. އެގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޑރ. ޝަހީމް އިމާމުވެ މިފަހަރު ތަރާވީޙް ނަމާދު ކުރައްވާނީ ހުލުމާލެ ފުރަތަމަ ވިޔަވަހީގައި ހުންނަ މަސްޖިދް ރަޝީދުގައިކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.