ކުޅިވަރު

އޭސީ މިލާން ވިއްކާލަނީ


ޔޫރަޕްގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކްލަބްކަމަށްވާ އިޓަލީގެ އޭސީ މިލާން ޗައިނާގެ ވިޔަފާރިވެރިންގެ ގުރޫޕަކަށް ވިއްކާލައިފިއެވެ.

ޗައިނާގެ ކުންފުންޏަކަށް އޭސީ މިލާން ވިއްކާލިކަން ކަށަވަރުކޮށްދީފައި ވަނީ އިޓަލީގެ ނޫހަކަށް މަޢުލޫމާތުދެމުން އޭސީ މިލާންގެ ވެރިޔާ އަދި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރލަސްކޮނީއެވެ. ނަމަވެސް އޭސީ މިލާން ވިއްކާލީ ޗައިނާ ކޮން ވިޔަފާރިވެރިންތަކަކަށް، ނުވަތަ ސީދާ ކޮން އަގަކަށްކަމެއް ހާމަކޮށްފައެއްނުވެއެވެ.

އޭސީ މިލާނަކީ ޔޫރަޕާއި ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދާފައިވާ ކްލަބެއް ނަމަވެސް، އެކްލަބަށް މިހާރު ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުން އެ ކްލަބަށް ވަނީ މައްސަލަތަކަކާ ކުރިމަތިވެފައެވެ. މިދިޔަ އަހަރުވެސް އެކްލަބަށް ވަނީ 104 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވެފައެވެ. އޭސީ މިލާން ތައިލެންޑުގެ ވިޔަފާރިވެރިއަކަށް ވިއްކާލުމަށް ބަރލަސްކޮނީ މިދިޔަ އަހަރުވެސް މަސައްކަތްކުރިއެވެ. ނަމަވެސް ފަހުން އެވިސްނުން ބަދަލުކުރީއެވެ.  

ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބްތައް މިހާރު ހިންގަމުންދަނީ އޭޝިއާއާއި މެދުއިރުމަތީގެ މަހުޖަނުންނެވެ. އެގޮތުން އޭސީ މިލާނާއި އެންމެ ވާދަވެރި އިންޓަރ މިލާންވެސް މިދިޔަމަހު ވަނީ ޗައިނާގެ އިލެކްޓްރޯނިކް ކުންފުންޏަކަށް ވިއްކާލާފައެވެ. އަދި ޗައިނާގެ ވިޔަފާރިވެރިޔަކު ވަނީ މިދިޔަމަހު އިނގިރޭސި ކްލަބް އެސްޓަންވިލާވެސް ގަނެފައެވެ.

ފުޓްބޯޅައަކީ ޗައިނާގައި މަޤްބޫލު ކުޅިވަރަކަށްވާއިރު، ޗައިނާ ސަރުކާރުންވެސް ދަނީ ފުޓްބޯޅައިގެ "ގަދަ ބާރަކަށް" ޗައިނާ ހެދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.