ޚަބަރު

ރަމަޟާންމަހުގެ ހެޔޮ ދަރުމައާއި ޘަވާބު ލިބިގަތުމަށް އަވަސްވެގަންނަންޖެހޭ


  • މިއީ ތަޤުވާވެރިކަމާއި ހެޔޮ އަމަލުތަކުގެ މައްސަރެއް

  • ގިނަގިނައިން ޤުރުއާން ކިޔެވުމާއި އަޅުކަންތައްތަކަށް އިސްކަންދޭންޖެހޭ

ރަމަޟާންމަހަކީ މުސްލިމުންގެ އެންމެހައި ޢަމަލުތައް އެންމެ ފުރިހަމަ ގޮތުގައި ބަހައްޓަންޖެހޭ މައްސަރެވެ. މި މަހުގައި ރަޙިމުގެ ގުޅުން ބަދަހިކުރުމާއި، ނިކަމެތިންނަށް އެހީތެރިވުމާއި، ނަމާދު ޤާއިމުކުރުމާއި، ކީރިތި ޤުރްއާން ތިލާވަތުކުރުމާއި، އިޢުތިކާފުގައި ހުރުން ފަދަ އަޅުކަންތައް ގިނަގިނައިން ކުރުމަކީ މި މާތް މައްޞަރުގެ ހެޔޮ ދަރުމައާއި ޘަވާބު ހޯދުމަށް ކުރަންވީ ކަންކަމަށެވެ.

ރޯދައިގެ މައިގަނޑު މަޤްޞަދަކީ ތަޤުވާވެރިވުމާއި ތަޤުވާގެ މާނައިގައި ހިމެނޭ ހެޔޮޢަމަލުކުރުމާއި، ފާފަތަކުން ދުރުހެލިވމެވެ. ތަޤުވާގެ އިތުރުން، މިއީ ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއްވެސް ދޭ އަޅުކަމެކެވެ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެންނެވެ. ނުބައި ބަސްތައް ބުނުމާއި، އެފަދަ ޢަމަލުތައް ކުރުން ހުއްޓައިލައިގެންނެވެ. ރޯދަމަހަކީ މުސްލިމުންގެ އެންމެހައި ޢަމަލުތައް އެންމެ ފުރިހަމަ ގޮތުގައި ބަހައްޓަންޖެހޭ މަހެވެ. ވޭތުވެދިޔަ ދުވަސްތަކުގައި، ފަރުވާކުޑަކުރެވުނު ކަންތައްތައް އިޞްލާޙުކޮށް، ރަމަޟާންމަހުގެ ދުވަސްތަކުގައި، އޭގެ ހިސާބެއް ނެތް ރަޙުމަތާއި، މަޣުފިރަތާއި، ރުއްސެވުން ޙާޞިލުކުރުމަށް ޢަޒުމު ކަނޑައަޅުމަކީ މުހިއްމުކަމެކެވެ.

މިފަދަ ކަންކަމުގެ އިތުރަށް ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާއްވައިލެއްވި މައްޞަރެވެ. އެހެންކަމުން މިމަހުގައި ކީރިތި ޤުރުއާން ކިޔެވުމަށް ސަމާލުކަން ދިނުމަށާއި، ދުވާލާއި ރޭނގަނޑުވެސް ހެޔޮ ޢަމަލުތައް ކުރުމުގައި ޝާމިލުވެ އުޅުން މުހިއްމެވެ. ޚާއްސަކޮށް ދުވާލުގެ އަޅުކަންތަކާއެކު ރޭ އަޅުކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ.

ރޭއަޅުކަމަކީ މާތް ﷲ އެންމެ ރުއްސަވާ ހެޔޮ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ޢަމަލެކެވެ. އަދި އެއީ ﷲ އާއި ކުއްތަންވެވޭ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ރޭ އަޅުކަމަކީ ޢިޝާ ނަމާދު ނިންމުމަށްފަހު ފަތިސްވުމުގެ ކުރިން ކުރާ ކޮންމެ ނަމާދެކެވެ. ތަރާވީސް ނަމާދާއި އަދި ދަމުނަމާދާއި އަދި ވިތުރުއަކީ ރޭއަޅުކަމުގެ ތެރެއިން ހިމެނޭ ނަމާދުތަކެވެ.

ތަރާވީޙު ނަމާދު:

ތަރާވީޙު ނަމާދަކީ ރަމަޟާން މަހަށް ޚާއްޞަ އަޅުކަމެކެވެ. އެއީ ރަމަޟާން މަހުގެ އެންމެ ޚާއްޞަ އަދި އެމަހުގައި ރޭގަނޑުގެ އެންމެ ޚާއްޞަ އެއް ނަންބަރުވެސް މެއެވެ. މިއީ، ގިނަ ދިވެހީން ސަމާލުކަން ދޭ އަޅުކަމެއްވެސްމެއެވެ. ތަރާވީޙު ނަމާދު ކޮންމެހެން ދިގުކޮށް ކިޔަވާ މިސްކިތެއްގައި ކުރުން މަޖުބޫރެއް ނޫނެވެ.

ކުރުކޮށް ކިޔަވާ އިމާމެއްގެ ފަހަތުގައި ކުރި ކަމުގައި ވިޔަސް މި މަތިވެރި ވެގެންވާ އަޖުރު ހާޞިލުވާނެއެވެ. އަދި ހަމައެއާއެކު ނަމާދަށް އަންނަ މީހުންގެ ޙާލަތަށް ރިޢާޔަތްކޮށް ކުރުކޮށް ކިޔެވުމަކީވެސް ފިޤުހުގެ ތެރެއިން ހިމެނޭ ކަމެކެވެ. ސަބަބަކީ ބަލިމީހުންނާއި، މުސްކުޅިންނާއި، ހާޖަތްތައް ޖެހިފައިވާ މީސްތަކުންނަށްވެސް މިމަތިވެރިވެގެންވާ ސުންނަތުގައި ބައިވެރިވެ އަޖުރު ލިބިގެންދާނެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިސްކިތަށް ދާން އުނދަގޫ މީހުންނަށްވެސް ގޭގައިވެސް ތަރާވިޚް ނަމާދު ކުރެވިދާއެވެ.

ދަމުނަމާދު:

ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެ ރަކުޢަތުން، ދެ ރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. މި ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެންނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުވުމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ.

މިމަހުގެ އެހެން ދުވަސްތަކަށްވުރެ ހެޔޮކަންބޮޑު ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ތެރެއިން ރެއެއްކަމަށްވުމަކީވެސް ރަމަޟާން މަހުގެ ފަހުދިހައިގައި ދަމު ނަމާދުކުރުމަށް އިސްކަންދޭ ކަމެކެވެ. ލައިލަތުލްޤަދުރި ވިލޭރޭ ކުރާ އަޅުކަން އެތައްހާސް ގުނައެއް އިތުރުވެގެންދާކަމަށް ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ.

ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ކަނޑައެޅިގެން ބަޔާން ކުރައްވާފައި ނުވިނަމަވެސް އެރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރޭގައިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން ވަނީ ޘާބިތުވެފައެވެ. ޚާއްޞަކޮށް ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައި އެރޭވާކަމަށް އިޝާރާތް ކުރައްވާ ވިދާޅުވެފައިވާ ބަސްފުޅުތައް ވަރަށް ގިނައެވެ.

ރޯދަވީއްލުމަށް ތައްޔާރުވުން

އާއްމު ގޮތެއްގައި ރޯދަމަހު އަޅުގަނޑުމެންނަށް ބޮޑަށް އިސްކަންދެވެނީ ބޮޑެތި ރޯދަ ވީއްލުންތައް ތައްޔާރުކޮށް، އިޖްތިމާޢީ އިހްތިފާލްތައް ގިނަ ކުރުމަށެވެ. ރޯދަ ވީއްލުމަށްފަހު ކޮފީތަކަށް ދިއުމާއި ސައިކަލާއި ކާރު ބުރުޖެހުމުގައި ވަގުތުތައް ބޭކާރުކުރުމަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ވަނީ އާދައަކަށް ހަދާފައެވެ. އިޖްތިމާޢީ ގުޅުން ވަރުގަދަ ކުރަންޖެހެއެވެ. ނަމަވެސް ދީނީ ވާޖިބުތައް އަދާކުރުމަށްފަހުއެވެ. އެހެންނޫންނަމަ އެކަމުގެ ފައިދާއެއް ނެތެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވައްސައްލަމަ ރޯދަމަސް ހޭދަކުރެއްވި ގޮތަށް ބަލާލާއިރު، ރޯދަ ވީއްލަވަނީ އާއިލާއާއެކު ގޭގައެވެ. ރޯދަ ވީއްލަވަނީ ކަދުރުކޮޅެއް ނުވަތަ ފެންފޮދަކުންނެވެ. ރެސްޓޯރަންޓްތަކުން ފެންނަ ބޮޑެތި ޖާފަތްތަކެއް ނުހުރެއެވެ. ރޯދަ ވީއްލެވުމަށްފަހު ވަގުތު ހޭދަކުރައްވަނީ އާއިލާއެކުއެވެ. ދެން ހުރި ވަގުތުތައް ހޭދަކުރައްވަނީ އަޅުކަމުގައެވެ.

މި ރޯދަމަހަކީ އަޅުގަނޑުމެންނާ ބައްދަލުވެދާނެ އެންމެ ފަހު ރޯދަމަހަށްވެސް ވެދާނެއެވެ. އެހެންކަމުން ރަމަޟާންމަހުގެ ހެޔޮ ދަރުމައާއި ޘަވާބު ލިބިގަތުމަށް އަވަސްވެގަންނާށެވެ. ކުޅިވަރާ މުނިފޫހިފިލުމަށް ވަގުތު ހުސްކުރުމުގެ ބަދަލުގައި އަޅުކަމަށް ސަމާލުކަން ދެއްވާށެވެ. ގިނަގިނައިން ކީރިތި ޤުރުއާން ކިޔެވުމަށާއި ޒިކުރު ކުރުމާއި ނަމާދުތަކަށް ސަމާލުކަން ދެއްވާށެވެ.

ތަރާވީޚު ނަމާދާއި ދަމުނަމާދުފަދަ ރޭ އަޅުކަންތަކަށް ސަމާލުކަން ދެއްވާށެވެ. ޚާޢްސަކޮށް ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ލައިލަތުލްޤަދުރި ވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރައްވާށެވެ.