ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ކާމިޔާބުކަމާއެކު ނިންމާލެވުނީ ދުރާލާ ކުރެވުނު ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ރައީސް ރިޟްވާން މޫސާ ވިދާޅުވެއްޖެއެވެ.
ރިޟްވާން މިހެން ވިދާޅުވީ ގޯލްޑަން ފުޓްސަލް މުބާރާތުގެ ފައިނަލަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. އަންގާރަ ދުވަހުގެރޭ ކާމިޔާބުކަމާއި އެކު މި މުބާރާތް ނިންމާލާފައިވާއިރު، މިއީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުން އަންނަ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން މުބާރާތް ބާއްވާފައިވާއިރު، 128 ޓީމުވަނީ މުބާރާތުގައި ވާދަކޮށްފައެވެ. ފޯރިއާއި އެކު މެޗުތައް ކުރިއަށް ދިޔަ މިމުބާރާތުގެ އިންތިޒާމުތައް ރޭވިފައިވަނީ ވަރަށް ރަނގަޅަށްކަމަށް މުބާރާތުގައި ބައިވެރިވި ޓީމުތަކުންވަނީ ފާހަގަކޮށްފައެވެ.
"މީ ހަމަ ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ މަސައްކަތް. މުބާރާތް ފެށިގެން މިދިޔައީ ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް. (އަޅުގަނޑުމެން) ފުލީ މުބާރާތަށް ވޯރކްކޮށްގެން މުބާރާތް ކޮމްޕްލީޓްކޮށް މިހާ ރަނގަޅަށް މުބާރާތް ނިންމާލެވުނީ" މުބާރާތް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިއުމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކުރެއްވި މަސައްކަތްތަކާއި ގުޅޭގޮތުން ރިޟްވާން ވިދާޅުވިއެވެ.
މީގެ އިތުރުން މުބާރާތް ކާމިޔާބުވުމުގައި ބައިވެރިވި ޓީމުތަކުން މުބާރާތަށް ދޭ އަހަންމިއްޔަތުކަންވެސް ބޮޑު ދައުރެއް އަދާކުރާކަމަށް ރިޟްވާން ފާހަގަކުރެއްވިއެވެ. ގިނަ ޓީމުތަކަކަކުން މުބާރާތުގައި ބައިވެރިވެ، މިކަމަށްވާ ތައްޔާރީތަކަކީ މުބާރާތް ފުރިހަމަ މުބާރާތަކަށް ހެދުމަށް ލިބޭ ހިތްވަރެއްކަމަށްވެސް ރިޟްވާން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްތަކުން ބައިވެރިވި މިމުބާރާތް ފުރިހަމަ އިންތިޒާމުތަކަކާއި އެކު ނިންމާލުމުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ޓީމުގެ އެއްބާރުލުންވެސް ނިހާޔަތަށް ލިބުނުކަން ރިޟްވާން ފާހަގަކުރެއްވިއެވެ.
ދެ މަސްދުވަހަށް ކުޅުން ކުރިއަށްދިޔަ މި މުބާރާތުގައި މީގެ ކުރިން މޫސުމުގެ ސަބަބުން ގޮންޖެހުންތައް ދިމާވި ނަމަވެސް މިފަހަރުގެ މުބާރާތުގައި ވިއްސާރައިގެ ސަބަބުން ކުޅުން ހުއްޓާލަން ޖެހުން ފަދަ ކަމެއް ދިމާނުވާކަމަށާއި، އެހެންކަމުން މިއީ ފަސޭހަކަމާއެކު ނިންމާލެވުނު މުބާރާތެއްކަމަށް ރިޟްވާން ފާހަގަކުރެއްވިއެވެ. ކުދިކުދި ދަތިތައް މުބާރާތް ކުރިއަށް ދިޔަ އިރު ދިމާވި ނަމަވެސް ޓީމުތަކުގެ އެއްބާރުލުމާއި އެކު އެކަންކަން ހައްލުކުރެވުނުކަމަށް ރިޟްވާން ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި މުބާރާތް އިތުރަށް ފުރިހަމަކުރުމަށް ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން ރިޟްވާން ވިދާޅުވީ އަބަދުވެސް އެ އެސޯސިއޭޝަނުން ދިޔައީ ކުދިކުދި ކަންކަން ރަނގަޅު ކުރަމުންކަމަށާއި ބޮޑެތި ވަޢުދުތަކެއް ދުވަހަކުވެސް ޓީމުތަކަށް ވެފައި ނުވާނެކަމަށެވެ. އެހެންނަމަވެސް މުބާރާތުގައި އެކިއެކި ގޮތްގޮތުން ބައިވެރިވާ ފަރާތްތަކުން ދޭ ޚިޔާލުތަކާއި އެއްގޮތަށް ކަންކަން އިންތިޒާމުކުރުމަކީ އަބަދުވެސް އެންމެ އިސްކަންދެއްވާ ކަންތައްކަމަށް ރިޟްވާން ވިދާޅުވިއެވެ. ބައިވެރިންގެ މިފަދަ ޚިޔާލުތަކަށް ބަލާ ކުރިއަށް އޮންނަ މުބާރާތައް އަބަދުވެސް ތައްޔާރުވާކަމަށް ރިޟްވާން ވިދާޅުވިއެވެ.
މުބާރާތް ކާމިޔާކަމާއެކު ނިންމާލެވުނީ ބައިވެރި ޓީމުތަކުން ދެއްކި ހިތްވަރުންކަމަށާއި، ޝުކުރުގެ ލިސްޓުގައި ޓީމުތަކުގެ އޮފިޝަލުންނާއި ސަޕޯޓަރުން އެންމެ ކުރިއަށް އަންނާނެކަމަށް ވިދާޅުވަމުން މުބާރާތް އިންސާފުކޮށްދެއްވި ރެފްރީންނާއި، ސްޕޮންސަރުންގެ އިތުރުން ގޯލްޑަން ފުޓްސަލް ޓީމަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާކަމަށް ރިޟްވާން ވިދާޅުވިއެވެ.
މީގެ އިތުރުން ފާއިތުވި ދެ މުބާރާތަށްވެސް ނައިބު ރައީސް ވަޑައިގަންނަވާފައިވާތީ މިކަމުންވެސް ދައްކުވައިދެނީ ސަރުކާރުން މި ކުޅިވަރަށް ދެއްވާ އަހަންމިއްޔަތުންކަމަށާއި މި ފުރުސަތުގައި ސަރުކާރަށްވެސް ޝުކުރު ދަންނަވާކަމަށް ރިޟްވާން ވިދާޅުވިއެވެ.