ބްރެޒިލްގެ ކުރީގެ ގިނަ ތަރިންތަކެއް އިންޑިއާގެ ލެޖެންޑުންނާއެކު އެ ގައުމުގައި ދައްކާލުމުގެ މެޗެއް ކުޅެން ތައްޔާރުވެއްޖެއެވެ.
މި މަހުގެ 30 ވަނަ ދުވަހު ކުޅޭ މެޗުގައި ބްރެޒިލްގެ ނަން ހިނގާ ގިނަ ކުޅުންތެރިން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން ކަފޫ އާއި އެ ޓީމުގައި ކުޅުނު ރިވާލްޑޯ އާއި ރޮނާލްޑީނިއޯ ހިމެނެ އެވެ. އަދިވެސް އެ ޓީމުގައި ކުޅުނު ޖިލްބާޓޯ ސިލްވާ އާއި އެޑްމިލްސަން އަދި ކްލެބަސަން އާއި ޖޯޖީނިއޯ ވެސް އިންޑިޔާ އަށް ދާނެ އެވެ.
ފަހުގެ ކުޅުންތެރިންގެ ތެރެއިން ރެއާލް މެޑްރިޑަށް ކުޅުނު މާސެލޯ ވެސް މި މެޗުގައި ކުޅޭނެ އެވެ. އޭނާގެ އިތުރުން ކުރީގެ ކެޕްޓަން ލޫސިއޯ އާއި ޖިއޮވާނީ އާއި އެލިވެލްޓަން ވެސް ކުޅޭނެ އެވެ. މި ޓީމަށް ކޯޗުކޮށްދޭނީ 1994 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިން ކެޕްޓަން އަދި ކުރީގެ ކޯޗު ކާލޮސް ޑުންގާ އެވެ.
މި މެޗުގައި ކުޅެން އިންޑިޔާއިން ނަގާފައިވާ ޓީމުގައި ހިމެނޭ މަޝްހޫރު ބައެއް ކުޅުންތެރިންނަކީ މެހްތާބް ހުސައިން އާއި ސައީދު ރާހިމް ނަބީ އާއި ސުބާޝިސް ރޯއި ޗައުދަރީ އާއި މެހަރާޖުއްދީން ވަދޫ އާއި އަރްނާބް މޮންޑާލް އާއި މަހޭޝް ގަވާލީ އެވެ.
މި މެޗު އިސްތިހާރު ކުރުމަށްޓަކައި ރިވާލްޑޯ ބުނީ ޗެންނާގެ ޖަވާހިރްލާލް ނެހުރޫ ސްޓޭޑިއަމުގައި ކުޅެން އޭނާ އިންޑިޔާ އަށް ދާނީ ހަނދާނުން ނުފިލާނާގެ ހަނދާންތަކެއް ދޫކޮށްލަން ކަމަށެވެ.
"މާޗު 30ގައި އަހަރެން ހުންނާނީ އެތަނުގައި. ހަނދާނުން ނުފިލާނެ ވަގުތުކޮޅަކަށް ހަދަން ބޭނުން. އަހަރެން މިހުރީ އިންޑިޔާ އަށް ވަރަށް ދާހިތުން،" ރިވާލްޑޯ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ މިއީ އިންޑިޔާގެ ފުޓްބޯޅަ އަށް ވެސް ވަރަށް ހާއްސަ ވަގުތަކަށްވާނެ ކަމަށެވެ.
"2002ގެ ވޯލްޑްކަޕް ކާމިޔާބު ކުރި ބްރެޒިލްގެ ލެޖެންޑުން އިންޑިޔާގެ ލެޖެންޑުންނާ ކުޅޭ މެޗަކީ އެތައް ބައެއްގެ ހުވަފެން ހަގީގަތަކަށްވުމެއް،" އޭނާ ބުންޏެވެ.
މި މެޗު އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އިންޑިޔާގެ ޑޭވިޑް އާނަންދް ފުޓްބޯލް ޕްލަސް އެކަޑަމީ އެވެ.