ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާއިރު ކާމިޔާބު ހޯދޭނީ ފަޚުރުވެރި ދިވެހިން ކަމުގައި ދެކިގެން ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޠަލާލް ވިދާޅުވީ މިހާރުވެސް އެސޯސިއޭޝަންތަކުން ކުރަމުންދާ މަސައްކަތުން ގިނަ ކުޅިވަރުތަކަކުން ގައުމަށް ރީތި ނަން ހޯދައިދެމުން އަންނަ ކަމަށެވެ. އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް އުފެދިފައިވަނީ ގައުމުގައި ތިބި ހުނަރުވެރި އެތުލީޓުން ދެނެގަނެ، އެ އެތުލީޓުން ބޭނުންކޮށްގެން ގައުމަށް ރީތި ނަން ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ރީތި ނަން ހޯދައިދެވޭނީ ހުރިހާ އެންމެން ޝާމިލުވާ ގޮތަށް، މުޅި ރާއްޖެއިން ހުނަރަވެރިން ހޯދިގެން ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދުކުރަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަތަކުން، އަދި އަޅުގަނޑު އެދެނީވެސް މޮޅު ކުޅުންތެރިންތަކެއް އުފައްދައިގެން، ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދޭން އެސޯސިއޭޝަންތަކުން މަސައްކަތް ކުރައްވާށޭ." މޯލްޑިވްސް އޮލިމްޕިލް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެންބަރުކަން ކުރެއްވި ޠަލާލް ވިދާޅުވިއެވެ.
މީގެ އިތުރުން ޠަލާލް ވަނީ ނުފޫޒުން އެއްކިބާވެ ތިބެ، ހަމަހަމަކަމާއެކު ވަކިބަޔަކަށް މަންފާވާނެ ގޮތް ދޫކޮށްލައި، މުޅި ގައުމަށް ރީތި ނަން ހޯދައިދިނުމަށް ކުޅިވަރު އެސޯސިއޭޝަންތަކަށްވެސް އިލްތިމާސްކުރައްވާފައެވެ.