ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޗެއަރމަން ކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ނާޞިފް އެމަޤާމުން ވަކިކުރައްވައި ވެމްކޯގެ ޗެއަރމަން ކަމުގެ މަޤާމަށް އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަޤާމުގައި ހުންނެވި ސ. ހުޅުދޫ، ރިވަރސައިޑް އަޙްމަދު ނާޞިފް، އެ މަޤާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަޤާމަށް މިއަދު އައްޔަނުކޮށްފައިވާކަމަށެވެ.
ނާޞިފް އެޗްޑީސީން ވެމްކޯއަށް ބަދަލުކުރައްވާފައިވާއިރު، އެޗްޑީސީގެ ބައެއް އިސް ވެރިންނަށް ތުހުމަތުކުރުވޭ މައްސަލައަކާއި ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެތެރޭގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހިމެނޭހެން ހުރިހާ ޑިރެކްޓަރުން ސަސްޕެންޑު ކުރިއިރު އޭރު ސަސްޕެންޑް ނުކުރާ ހަމައެކަނި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުގެ ގޮތުގައި ހުންނެވީ ނާޞިފްއެވެ.
ކުރެވުނު ތުހުމަތުތަކާއެކު އެ މައްސަލަ ތަޙްޤީގުކުރަން ފެށުމުން ތަޙުޤީގަށް އެއްބާރުލުންދިނުމަށް ކަމަށް ވިދާޅުވެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އިބްރާހިމް ފަޟުލް ރަޝީދު ވަނީ އިސްތިޢުފާ ދެއްވާފައެވެ. އެއާއެކު އެމަޤާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް ވަނީ ޢައްޔަންކުރައްވާފައެވެ.