ޚަބަރު

ވިއްސާރައިގައި ގެއްލުންވި 5 ރަށުގެ އެސެސްމަންޓް ދަނީ ހަދަމުން: އެންޑީއެމްއޭ


  • ގެއްލުންވީ މާލެ އަތޮޅުގެ 5 ރަށަށް

  • ބައެއް ގޭގެއަށް ބޮޑެތި ގެއްލުންތަކެއްވި

ވިއްސާރައިގައި މާލެއިން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރި 4 ގޭގެ މީހުން މިހާރު އާއްމު ދިރިއުޅުމަށް ގޮސްފައިވާކަމަށާއި މިހާރު ކުރަމުންދަނީ ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތްކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެއިން 4 ގެއަކުން 40 މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވެއެވެ.
ވިއްސާރައިގައި މާލޭގެ އިތުރުން މާލެ އަތޮޅުގެ 5 ރަށަކަށްވެސް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ ފެން ބޮޑުވުމުގެ ސަބަބުން 5 ރަށުގައިވެސް ގެތަކަށް ގެއްލުން ލިބުނުކަމަށެވެ. އެހެންކަމުން މިވަގުތު ކުރަމުންދަނީ އެ ރަށްތަކުގެ އެސެސްމަންޓް ހަދާ، ރަށްތަކުން ނަގަންޖެހޭ މަޢުލޫމާތު އެއްކުމުގެ މަސައްކަތްކަމަށް ހިސާން ވިދާޅުވިއެވެ.

މި ރަށްތަކުގައި ޖުމްލަކޮށް ރަށުގައި މީހުން ދިރުއުޅޭ ގޭބިސީތައް ހިމެނޭ ހުރިހާ ސަރަޙައްދުތަކުގައި ފެން ބޮޑުވެފައިވެއެވެ. އަދި ބައެއް ރަށްތަކުގައި ވިއްސާރައިގައި ޖަންކްޝަންތައް ފުރި ނަޖިސް ބޭރުމުގެ މައްސަލަތައްވެސް ކުރިމަތިވިއެވެ.
ހިސާން ވިދާޅުވީ، ގޭގޭގައި ކުރިއަށްގެންދާ އެސެސްމަންޓަކުގައި ގޭގައި ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއި އަދި އެހެނިހެން ގެއްލުންތަކުގެ މަޢުލޫމާތު އެއްކުރަމުންދާކަމަށެވެ.

މިފަހަރުގެ ވިއްސާރައިގައި ކުރިއާލާ ތައްޔާރުވުމުގެ ސަބަބުން މާލެއަށް ލިބުނު ގެއްލުން ކުޑަކުރެވުނެވެ. އެގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިއްސާރަވާނެކަމަށް ފޯކާސްޓް ކުރުމާއެކު މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ ސަރަޙައްދުތަކުގެ 200އެއްހާ ގޭގައި ވެލި ބަސްތާ ޖަހާފައިވެއެވެ. މާލޭގައި ގެއްލުންވި ގެތަކަކީ، ވިއްސާރައިގައި ފެން ބޮޑުވެ އަޑިން ފެން އަރައިގެން ގެއްލުންވި ގެތަކެވެ.