ޚަބަރު

ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢުގެ ބޭނުމަކީ މިނިވަންކަމާއެކީ ދެމިތިބުމުގެ ވިސްނުން އުފެއްދުން


  • މި ރާއްޖޭގައި ދިވެހިން ވެރިކަންކުރާތާ 4000 އަހަރު ވެއްޖެ

  • ދިވެހިންގެ މިނިވަންކަމަށް އެކި ފަހަރު ލޮޅުން އެރި

  • އެ ބައެއްގެ ސަލާމަތާ މެދު ވިސްނާނީ އެ ބައެއް

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރާ ދުވަސް ފާހަގަކުރަން ފެށީ 2018ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރަނީ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ދިވެހިންގެ ޤައުމިއްޔަތާ ގުޅުންހުރި އެކި ބަހާތައް ދިރުވައި އާލާކުރުމުގެ ޢަޒުމް އައުކުރުމެވެ.

ޤައުމިއްޔަތަކީ އެ ބައެއްގެ ސަލާމަތާއި ދައުލަތެއްގެ ގޮތުގައި ދެމިތިބުމަށްޓަކައި އެބައިމީހުންގެ ސިކުނޑިތަކުގައި ދައުރުވާ އެންމެ މުހިންމު ފިކުރެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޤައުމިއްޔަތަކީ ދައުލަތެއްގެ ގޮތުގައި މިނިވަންކަމާއެކީ ދެމިތިބުމަށްޓަކައި ބަޔަކު ގުޅިގެންކުރާ ތަޖުރިބާއެވެ.

ދައުލަތެއްގެ ގޮތުގައި ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ މި ރާއްޖޭގައި ދިވެހިން ވެރިކަންކުރާތާ 4000 އަހަރު ވެއްޖެއެވެ. ތާރީޚީ ފޮތްތަކުން މިކަމަށް ހެކިދެއެވެ.

ޙަޤީޤަތަކީ މިހާ ގިނަ ދުވަސްވަންދެން ދިވެހި ދައުލަތް ދިވެހިރާއްޖޭގައި ދެމި އޮތީ ދިވެހިންގެ މެދުގައި ވަރުގަދަ ޤައުމިއްޔަތެއް އޮތުމުންކަމެވެ. އެހެނީ މި ޤައުމަށްވެސް އެކި ފަހަރު މަތިން ބޮޑެތި ރާޅު އެރިއެވެ. މިނިވަންކަމާއި ސިޔާދަތަށް ލޮޅުންއެރި އެތައް ހާދިސާއަކާ ކުރިމަތިލިއެވެ. އެ ގޮތުން 1558 ވަނަ އަހަރު ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ދިއުމާއި 1753 ވަނަ އަހަރު މަލާބާރު ކަރައިގެ ހޮޅިންގެ އަތްދޮށަށް ދިވެހިން ދިއުން ފާހަގަކޮށްލެވެއެވެ. މިއިން ކޮންމެ ފަހަރަކުވެސް ޤައުމިއްޔަތުގެ ރޫހު ހުރި އަބުޠާލުންތަކެއް ދިވެހި ޤައުމު މިނިވަންކޮށްދެއްވިއެވެ. ފަތަޙަކޮށްދެއްވިއެވެ. މިކަންކަމުން ދޭހަކޮށްދެނީ މިނިވަންކަމާއެކީ ދެމިތިބުމަށްޓަކައި ޤައުމިއްޔަތެއް ދެމިއޮތުމުގެ މުހިންމުކަމެކެވެ.

މިކަން ވިސްނިވަޑައިގެން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ނަމުގައި ޚާއްސަ މަޝްރޫޢެއް ފަށްޓަވާފައެވެ. މި މަޝްރޫޢު ހަވާލުކުރައްވައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ޚާއްސަ ވުޒާރާއެއްވެސް އުފެއްދެވިއެވެ.

ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރާ ދުވަހުގެ މުނާސަބާގައި ދިވެހިބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ދިވެހިންގެ ހިތުގައި ކުރިއަރައި ދިއުމާއި ތަރައްޤީވުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި އެ ކަމުން ދޭހަކޮށްދެނީ ދިވެހިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ވިންދު ޖަހާކަންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޤައުމިއްޔަތެއްގެ ވިސްނުމުން ވިސްނާއިރު، ޤައުމިއްޔަތު ބުނެދޭ އެންމެ މުހިންމު އެއް ވާހަކައަކީ އެ ބައެއްގެ ސަލާމަތާ މެދު ވިސްނާނީ އެބައެއްކަން ކަމަށެވެ. އަދި އެބައެއް ޤާއިމުވެ ތިބި ތަނެއްގެ ސަލާމަތާއި މިނިވަންކަމުގެ ދިފާޢުގައި އެހެން ބަޔަކު ނާންނާނެކަމެވެ. އެހެންކަމުން މިހާރު ފަށްޓަވާފައިވާ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދާ ޤައުމިއްޔަތުގެ ސެޝަންތަކުގައި މި ފަދަ ވިސްނުމެއް ދިވެހިންގެ ތެރޭގައި އުފައްދައިދޭނެކަމަށް ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

"ދިވެހި ފަސްގަނޑު ސަލާމަތްކުރެވޭނީ ޤައުމިއްޔަތުގެ ސިފަތައްކަމުގައިވާ ކާބަފައިވަންތަކަމާއި އިސްލާމް ދީނާއި ސަގާފަތާއި ތާރީޚާއި ތަރިކައާއި އާދަކަދައާއި ދިވެހިބަސް އަޅުގަނޑުމެންގެ ތެރެއަށް ގެނެވުނީމަ. މި ސިފަތައް އެނގުނީމަ." ވަޒީރު ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ބޮޑުތިލަދުންމަތީގައި ހުރި އާސާރުތައް ހިމާޔަތްކޮށް ދަމަހައްޓައި އެއިން ތަރިކައިގެ ފަތުރުވެރިކަމެއް ކުރުމަށް ޚާއްސަ މަޝްރޫޢެއް ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ. އެހެނީ ދިވެހި ދައުލަތް ދެމި އޮތުމަށް ދިވެހިންކުރި ޖިހާދުތަކުގެ އެތައް ހަނދާނެއް ރަމްޒުކޮށްދޭ ތަރިކަތައް ބޮޑުތިލަދުންމަތީގައި ހުރެއެވެ.

ދިވެހި ޤައުމިއްޔަތުގެ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމްގެ ހަނދާންތަކާ ގުޅިފައިވާ އާސާރުތައް ހިމާޔަތްކޮށް އެ އާސާރުތައް ބޭނުންކޮށްގެން ތަރިކައިގެ ފަތުރުވެރިކަމެއް ކުރުމަށްޓަކައި ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ދިވެހިބަހާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރައްވަމުންނެވެ. މިއީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކޮށް ޤައުމިއްޔަތުގެ ރޫޙު ދިވެހިންގެ ހިތްތަކަށް ގެނައުމަށް ސަރުކާރުންކުރައްވާ މަސައްކަތެކެވެ.

"މި ވަޠަނު މިނިވަންކަންމަތީ އަބަދަށް" މި ޝިޢާރު ދެމިއޮންނާނީ ޤައުމިއްޔަތުގެ ސިފަތައް އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނަވައިގެންނެވެ. މި ސިފަތަކަށް އަހަންމިއްޔަތުކަން ދީގެންނެވެ. ކުރިއެރުމާއި ތަރައްޤީ ދެކޭއިރު ދިވެހިވަންތަކަމުގެ އަސްލުތަކަށް ފަސްދީގެން ނުވާނެއެވެ. އެކަމަކު ކުރިއެރުމާއި ތަރައްޤީ ގެންނަންވާނީ ދިވެހިންގެ އަސްލުތަކާއި ގޮތްފާޑުގެ ތަރަހައިގެ ތެރެއިންނެވެ. މިކަންކަން ގެއްލި ނުދާނެ ގޮތަށެވެ.

ޤައުމިއްޔަތު މަޝްރޫޢުގެ އަމާޒަކީ މި ވިސްނުންތަކާއި ފިކުރުތައް ދިވެހިންގެ މެދުގައި އާލާކޮށް ކުރިއެރުވުމެވެ. އަދި މިނިވަންކަމާއެކީ ދެމިތިބުމުގެ ވިސްނުމެއް އުފެއްދުމާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް ލޮޅުންއަރާނެ އެއްވެސް ކަމެއްކުރާނެ އެއްވެސް ބަޔަކު މި ޤައުމުގައި ނެތްކަން ކަށަވަރުކުރުމެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ މިނިވަންކަންމަތީ އަބަދަށްމެ ލަހައްޓަވާށިއެވެ. އާމީން!