ރޯދަމަހަކީ ހަމައެކަނި ކެއުން ބުއިމަށް އަހައްމިއްޔަތުކަން ދޭ މަހަކަށް ނުހަދައި، މި މާތް މަހުގައި އަޅުކަންތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވެއްޖެއެވެ.
އުސްތާޛު ސަޢުދާން މިހެން ވިދާޅުވީ "ނުރަނގަޅު އާދަތައް ދޫކުރުން" މި މަޢުޟޫއަށް ގދ. ގައްދޫގައި ރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ތަޤުރީރު ކުރައްވަމުންނެވެ.
"ނުރަނގަޅު އާދަތައް ދޫކުރުން" މި މައުޟޫއަށް ތަޤުރީރު ކުރައްވަމުން އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ އިސްރާފް ކުރުމަކީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ އިޖްތިމާއީ އަދި އިޤްތިސާދީ ބަލިމަޑުކަމެއް ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އަހަރުގެ އާންމު މަސްތަކުގައި ކާބޯތަކެތި ތިން އިރަށް ތައްޔާރުކުރާވަރަށް ރޯދަމަހު ރޯދަ ވީއްލުމަށް އިސްރާފު ވާވަރަށް ކާބޯތަކެތި ތައްޔާރުކުރާކަމަށްވެސް ސަޢުދާން ވިދާޅުވިއެވެ.
މީގެ އިތުރުން ސަޢުދާން ވިދާޅުވީ އިސްރާފްކުރުމުގައި ހިމެނެނީ ކާބޯތަކެތި އެކަނި ނޫންކަމަށާއި، އެކި މުނާސަބުތަކާ ގުޅިގެން ފަރުނީޗަރު ފަދަ ތަކެތި އާކުރާއިރު، ބޭނުން ހިފޭ ތަކެތިވެސް އިސްރާފުވާގޮތަށް އުކާލާކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން ވީހާވެސް އިސްރާފު ކުޑަކުރުމަށް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން އެދިވަޑައިގެންނެވިއެވެ.
މި ފޯރަމްގައި އިސްރާފުނުކުރުމުގެ އިތުރުން، ދޮގު ވާހަކަ ފެތުރުމާއި، މުދަލަށް ޚިޔާނާތްތެރިވުމުގެ ނުބައިކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ދޫ ރައްކާތެރިކޮށް، ދޮގު ވާހަކަތައް ނުފެތުރުމަށްވެސް އަލްއުސްތާޛު ސަޢުދާންގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތެރޭގެ އިޙްޔާ ފޯރަމް އޮންނާނީ ގައްދޫގެ އިތުރުން ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫގެ އިތުރުން ރ. މީދޫގައެވެ.
މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.