ފަލަސްޠީނު ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ޔަހޫދީން ކުރާ މަސައްކަތާ ދެކޮޅަށް، އަރަބި އިސްލާމީ ޤައުމުތަކުން ވަކާލާތުކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ސައުދީޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ޚާރިޖީ ވަޒީރު ސައުދި އަރަބިއްޔާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ވެރިރަށް ރިޔާދުގައި ބާއްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ "އެކްސްޓްރާއޯޑިނަރީ ސެޝަން އޮފް ދަ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެއިތުރުން ކަމާގުޅުންހުރި މުހިންމު އިތުރު ބައްދަލުވުން ތަކުގައިވެސް ބައިވެވެވަޑައިގަންނަވާނެއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި ދަތުރުފުޅުގައި ޔަހޫދީ ދަޢުލަތުން ފަލަސްޠީނުގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް އަޑުއުފުލާ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިސްލާމީ ޤައުމުތަކުގެ މެދުގައި ބާއްވާ ބައްދަލުވުމުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
އޮގަޒައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންއަކީ އިސްލާމީ ޤައުމުތަކަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އެންމެ ބޮޑު ޖަމާޢަތެވެ.
ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިޞްރުން ހުށަހަޅާފައިވާ ހުށަހެޅުމަށްވެސް ދިވެހިރާއްޖެއިން ވަނީ މަރުޚަބާ ކިޔާފައެވެ. އެގޮތުން މިޞްރުން ހުށައެޅާފައިވާ ޕްލޭނަކީ ޢައްޒާގެ ކަމާގުޅުންހުރި އިދާރާތަކުގެ ލަފާގެ މައްޗަށް ބިނާކޮށް، ކުރިއަށްގެންދާ މަސައްކަތަކަށްވާތީ، ޢައްޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމާއި ވަޒަނުގައި ރައްޔިތުން ބޭނުންވާފަދަ ދިރިއުޅުމެއް އާރާސްތުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރާއްޖެއިން ފާހަގަކޮށްފައިވެއެވެ.
1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅާ، ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް އަންނަނީ ވަކާލާތުކުތަމުންނެވެ.