ޗައިނާގެ އެހީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކައުންސިލްތައް އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރަށްރަށުގެ ކައުންސިލްތައް ބައުވުމުގެ ސަބަބުން އައު ކައުންސިލް އިމާރާތްތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން ދެ މަޝްރޫއުއެއްގެ ގޮތުގައި މި މަސައްކަތްތައް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއާއި މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކޮށްގެންގެންވެސް ކައުންސިލްތައް އިމާރަތް ކުރުމަށް ހަމަޖެހިފައިވެއެވެ.
ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުގައި 50 ކައުންސިލެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު މިއީ ޕްރީ-ފެބްރިކޭޓެޑް އިމާރާތްތަކެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ދިރާސާތައް ކުރުމަށް ޗައިނާގެ ޓީމަކުން އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށެވެ. އަދި އެ ދިރާސާތައް ކުރުމަށް 10 ރަށެއް ކަނޑައަޅާފައިވާކަމަށާއި ކައުންސިލްތައް އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަހަރުގެ މެދަކާހަމައަށް ދާއިރު އެ މަޝްރޫޢުވެސް ފެށޭނެ. އެ މަސައްކަތް ކުރިއަށްދާނީ 2 ފިޔަވައްސަކަށް. ނަމަވެސް 2 އަހަރުގެ ތެރޭގައި އެ މަސައްކަތް ނިމިގެންދާނެ." ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތް ތަރައްޤީކުރުމަށްޓަކައި ބައެއް ރަށްރަށުގައި މިހާރު ވަނީ ބިންގާވެސް އަޅާފައެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން އަންނަމަހުގެ ތެރޭގައި ކައުންސިލްތައް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށޭނެކަމަށެވެ. އަދި މި މަސައްކަތްތައް ފަށާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބިންގާ އަޅުއްވައިދެއްވި ތަރުތީބުންކަމަށެވެ.
"އެންމެ ފުރަތަމަ އެ މަސައްކަތްތައް ފެށިގެން ދާނީ ރ. އަތޮޅުގައި. އެއަށްފަހު ހއ، އަދި ހދ، ގައި. މިއަހަރުގެ ތެރޭގައި ހުރިހާ ކައުންސިލްތަކެއްގެ އުމްރާނީ މަސައްކަތްތައް ފަށައިގަނެވޭނެ." ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
ކައުންސިލްތައް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން ތަރައްޤީކުރަނީ ފަންގިފިލާއަށް އަދި 2 ފަންގިފިލާއަށެވެ. ވަޒީރު ވިދަޅުވީ، 1 ފަންގިފިލާއަށް އަޅާ ތަންތަން 1 އަހަރުގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި 2 ފަންގިފިލާގެ އިމާރާތްތައް 2 ވަރަކަށް އަހަރުތެރޭ ނިމޭނެކަމަށާއި 2027 ވަނަ އަހަރުގެ މެދާހަމައަށްދާއިރު ހުރިހާ ކައުންސިލް އިދާރާތައް ތަރައްޤީކޮށް ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.