ކުޅިވަރު

ލެބްރޮންއަށް އަނިޔާވިއިރު، ލޭކަރސް ސެލްޓިކް އަތްދަށުވެއްޖެ


އެންބީއޭގައި މިހާރު އެންމެ ފޯމުގައި އޮތް އެއް ޓީމު ލޮސް އެންޖެލަސް ލޭކަރސް އެންމެ ފަހުގެ ޗެމްޕިއަނުން އަތުން ބަލިވެއްޖެއެވެ.

ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން އެންބީއޭގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ދެޓީމް ކަމުގައިވާ ލޭކަރސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރި މިމެޗުން ސެލްޓިކްސް ކުރި ހޯދީ 111-101 ޕޮއިންޓުންނެވެ.

މިމެޗުގެ 4ވަނަ ކުއާޓަރގައި އުމުރުން 40 އަހަރުގެ ލެބްރޮން ޖޭމްސް އިންޖަރީވެ ކުޅުމާ ދުރަށް ދިޔަނަމަވެސް މިއީ މާބޮޑު އިންޖަރީއެއް ނޫންކަމަށް އޭނާވެސް ވަނީ މެޗަށްފަހު ބުނެފައެވެ.

ފެބްރުއަރީ މަހުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއެކު ލެބްރޮން ވަނީ އުމުރުން 40 އަހަރުގައި މީގެކުރިން ނުދައްކާހާ މޮޅު ކުޅުމެއް ދައްކަން ފަށާފައެވެ.

ލޭކަރސް މިހާރު އޮތީ ވެސްޓަން ކޮންފަރެންސްގެ 2 ވަނާގައި އަދި ސެލްޓިކް އޮތީ އީސްޓަން ކޮންފަރެންސްގެ ދެވަނާގައެވެ.

އެންބީއޭގައި ގޯލްޑަން ސްޓޭޓް ވޯރިއަރސް ޑިޓްރޮއިޓް ޕިސްޓަން ބަލިކުރި މެޗުގައި ތިން ޕޮއިންޓްގެ މާހިރު ސްޓެފަން ކަރީ ވަނީ ކެރިއަރުގައި 25 ހާސް ޕޮއިންޓް ހަމަކޮށްފައެވެ.

މެޗަށްފަހު ކަރީ ބުނީ އޭނާ ޕޮއިންޓް ރެކޯޑާމެދު ނުވިސްނާ ކަމަށާއި 25 ހާސް ޕޮއިންޓް ހަމަވިކަން އެނގުނީ މެޗުގައި އެކަން އިއުލާން ކުރުމުންކަމަށެވެ.

ލެކަރސް އާއި އެކު ވޮރިއަރސް ވެސް ވަނީ ޓްރޭޑް ޑެޑްލައިންގައި ޓީމު ވަރުގަދަކޮށް ޗެމްޕިއަންކަމަށް ވާދަކުރާ ޓީމުތަކުގެ ތެރެއަށް ވަދެފައެވެ. މިގޮތުން ޖިމީ ބަޓްލަރ ޓީމާ ގުޅުނު ފަހުން ކަރީގެ ކުޅުން އިތުރަށް ރަނގަޅުވެ ވެސްޓަން ކޮންފަރެންސްގެ 6 ވަނައަށް ވޯރިއަރސް ވަނީ ޖެހިލާފައެވެ.