ކުޅިވަރު

ވެޓެރަންސް ލީގު: ސިފައިންގެ ކުލަބާ އެއްވަރުވެ ހުޅުމާލެ ވެޓެރަންސް އުނދަގޫ ހާލަތަކަށް


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި ދިވެހި ސިފައިންގެ ކުލަބާ ބައްދަލުކުރި މެޗު އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަނުން ހުޅުމާލެ ވެޓެރަންސް ކުލަބަށް ކުރިއަށް ދިޔުމުގެ ފުރުސަތު ހަނިވެއްޖެއެވެ.

މިއީ މިމުބާރާތުގައި މި ދެ ޓީމުވެސް ކުޅުނު ދެވަނަ މެޗެވެ. މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ހުޅުމާލެ ވެޓެރަންސް ޓީމުންނެވެ. އިބްރާހީމް މުޙައްމަދު ނަގައިދިން ހުރަހަކުން މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ޝިމާޒް (ކޮކީ) އެވެ. ސިފައިންގެ ކުލަބުން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ދަނިކޮށް, ހުސްކޮށް އޭރިއާތެރެއަށް ވަދެ އަފަރާޙް އިބްރާހީމް ދިން ބޯޅައަކުން އަޙްމަދު ފަޒާލް ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު ސިފައިންގެ ކުލަބު ވަނީ ހަތަރު ޕޮއިންޓާއެކު އަލުން ގްރޫޕްގެ އެއްވަނައަށް އަރާފައެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް ވިލިމާލެ ޔުނައިޓެޑަށްވެސް ލިބިފައިވަނީ ދެ މެޗުން ހަތަރު ޕޮއިންޓެވެ. އަދި އެއް މެޗު ކުޅެގެން އެއް ޕޮއިންޓާއެކު ހުއްރިއްޔާ ސްޕޯޓްސް ކުލަބު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ. ހުޅުމާލެ ވެޓެރަންސްއަށް ދެ މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ގްރޫޕްގެ ހަތަރުވަނައިގައެވެ. އަދި ޒެލޮޓް އޮތީ ކުޅުނު ހަމައެކަނި މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.

މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.