ފްރާންސްގެ ޕީއެސްޖީއަކީ މި ސީޒަނުގައި މިހާތަނަށް އިނގިރޭސިވިލާތުގެ ލިވަޕޫލް ކުޅުނު އެންމެ މޮޅު ޓީމު ކަމަށް ޑިފެންޑަރު އެންޑީ ރޮބަޓްސަން ބުނެފިއެވެ. ލިވަޕޫލްގެ ފަހަތަށް ކުޅޭ ސްކޮޓްލަންޑުގެ ކެޕްޓަން މިހެން ބުނީ މި ދެ ޓީމު މާދަމާރޭ ބައްދަލުކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
ދެވަނަ ލެގުގެ މެޗު ކުޅޭނީ ލިވަޕޫލްގެ އެންފީލްޑްގައެވެ. މެޗަށް ނުކުންނައިރު ފައިދާ އޮތީވެސް ލިވަޕޫލަށެވެ. އެއީ ޕީއެސްޖީގެ ދަނޑުގައި މީގެ ހަފުތާއެއް ކުރިން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާތީއެވެ. އެއީ މެޗު ނިމިނިމި އޮއްވައި ބަދަލު ކުޅުންތެރިޔާ ހާވޭ އެލިއޮޓް ޖަހައިދިން ގޯލުންނެވެ. ނަމަވެސް އެ މެޗުގައި ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނީ ޕީއެސްޖީ އެވެ.
"އަހަރުމެން މިހާތަނަށް ކުޅުނު އެންމެ މޮޅު ޓީމަކީ ޕީއެސްޖީ. އެމީހުން އަހަރުމެން އެ މެޗުގައި ނޭވާލާނެ ވަގުތެއް ވެސް ނުދޭ. ޕޮޒިޝަނަކަށް ބަލާއިރު ވެސް އެމީހުން މާމޮޅު. އެމީހުން ގޯލަށް ޖެހި ޝޮޓްތަކާއި އަހަރުމެން ގޯލަށް ފޮނުވާލި ޝޮޓްތަކަށް ބަލާއިރު ވެސް އެމީހުންގެ ނުރައްކާތެރިކަން ބޮޑު،" ރޮބަޓްސަން ބުންޏެވެ.
ލިވަޕޫލްގައި ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރި ކުޅުންތެރިޔާ ބުނީ ކުރީ މެޗުގައި ކަންހިނގާ ދިޔަ ގޮތަށް ބަލާއިރު މާދަމާ ރޭގެ މެޗުގައި ލިވަޕޫލްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭނެ ކަމަށެވެ.
"އަހަރުމެން އެއްގޮތަކަށް ވެސް ފަރުވާ ކުޑަކޮށްލައިގެން ނުވާނެ. އެމީހުންނަކީ ވަރަށް މޮޅު ޓީމެއް. އެމީހުން އަހަރުމެން މައްޗަށް ކާމިޔާބު ހޯދާނެ ކުޑަވެސް ފުރުސަތެއް ދީފިއްޔާ. ޕީއެސްޖީގައި ވަރަށް މޮޅު ކުޅުންތެރިން އެބަތިބި. ހުނަރުގެ ގޮތުން ތަފާތު ކުޅުންތެރިން އެބަތިބި. ޓީމެއްގެ ގޮތުގައި ވެސް އެމީހުން ވަރަށް ވަރުގަދަ،" ރޮބަޓްސަން ބުންޏެވެ.
ސްޕޭނުގެ ގައުމީ ޓީމާއި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ކޯޗުކޮށްދޭ ޕީއެސްޖީގައި މިވަގުތުއޮތީ ހުނަރުވެރި ވަރަށް ޒުވާން ޓީމެކެވެ.