ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ސްރީ ލަންކާގައި ބާއްވަން ނިންމައިފި


މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ސްރީ ލަންކާގައި ބާއްވަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ސާފްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައެވެ. މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ މި އަންނަ ޖޫން މަހުގެ 22 އިން ޖުލައި 5 ށެވެ.

މީގުކުރިން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން ވަނީ ނިންމާފައެވެ. ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ކުރިން ނިންމީ ކޮންމެ ގައުމަކަށްވެސް އަމިއްލަ ގައުމުގައި މެޗުތައް ކުޅުމުގެ ފުރުސަތު ދޭންވެގެންނެވެ.

އެހެންނަމަވެސް މިއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާނީ މިއަދުގެ ބައްދަލުވުމުގއި ހިންގާ ކޮމިޓީން ނިންމާފައިވަނީ ކުރިއެކޭ އެއްގޮތަށް ސެންޓްރަލައިޒްކޮށް މިއަހަރުގެ މުބާރާތް ކުރިއަށްގެންދަންށެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފިޔަވައި އެހެން ހުރިހާ މުބާރާތެއްވެސް ބާއްވާފައިވަނީ ސެންޓްރަލައިޒްކޮށް، ކަނޑައެޅި އެއް ދަނޑުގައެވެ.

ރާއްޖެއިން 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެ ފަހަރު މުބާރާތް ބޭއްވީ ރާއްޖެ އާއި ސްރީ ލަންކާގައެވެ.