މޫސުން ގޯސް ދުވަސްވަރަކަށްވާތީ މަގުމަށްޗަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއިން އިލްތިމާސްކުރައްވައިފިއެވެ.
ވެމްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، މި ހަފްތާއަކީ މޫސުން ގޯސް ވިއްސާރަ ހަފްތާއަކަށް ވީނަމަވެސް ވެމްކޯގެ ހީވާގި މުވައްޒަފުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މެދުނުކެނޑި މަސައްކަތްކުރަމުންދާކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ އާންމުންގެ ސިއްހީ ސަލާމަތަށްޓަކައި، އުކާލާ ކުނި މަގުމަށްޗަށް ނުވަތަ އާންމު ސަރަޙައްދުތަކަށް ނުނެރުމަށްވެސް ވެމްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، ކުނި ނުނެގި ހުރި އެއްވެސް ގެއެއް ފާހަގަވެއްޖެނަމަ ނުވަތަ އެއްވެސް ގެއަކަށް ޚިދުމަތް ނުލިބޭނަމަ ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅާ އެ މައުލޫމާތު ހިއްސާ ކުރުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ވެމްކޯއިން ވަނީ ރައްޔިތުންގެ ފަރާތުން އެ ކުންފުންޏަށް ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ވެމްކޯއިން ވަނީ ރޯދަމަހު ކުނި ނަގާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރަމަޟާންމަހު މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 08:30 އިން ދަންވަރު 02:30 އަށެވެ. ހުޅުމާލޭގައި ރަމަޟާން މަހު ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 09:00 އިން ދަންވަރު 01:00 އާ ހަމައަށެވެ. އަދި ވިލިމާލޭގައި ޚިދުމަތް ދޭނީ ރޭގަނޑު 09:30 އިން ދަންވަރު 01:30 އަށެވެ.