ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި "އަވައްޓެރި ރޯދަވީއްލުން"ގެ ނަމުގައި ރޯދަވީއްލުމުގެ ހަރަކާތެއް ބާއްވަން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ނިންމައިފިއެވެ. މިއީ އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ހުޅުމާލޭގެ ނެއިބަހުޑް ޕޮލިހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ، ހުޅުމާލޭގެ އެކި އަވަށްތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއިއެކު، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެއްކަމަށެވެ.
މި ރޯދަވީއްލުން ރާވާފައިވަނީ ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ގޮތަށެވެ. އެގޮތުން މި ހަރަކާތުގެ ފުރަތަމަ ރޯދަވީއްލުން މާދަމާ ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ ރަނައުރާ މަގުގައި ބާއްވަން ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މި ހަރަކާތާއި ގުޅިގެން އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓް ޙަސަން ޝަހީދު ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެއްބާރުލުން ދޭ ބައެއްކަމަށެވެ. އަދި މިފަހަރުވެސް މި އަވައްޓެރި ރޯދަވީއްލުމުގެ ހަރަކާތް ކުރިއަށް މިގެންދަނީ ގިނަ ބައެއް ބައިވެރިވުމާއި އެއްބާރުލުމާއެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް، ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށްހެދުންކަމަށެވެ.
ކުރިއެކޭއެއްގޮތަށް މި ރަމަޟާންމަހުވެސް ގިނަ ފާރާތްތަކުން ދަނީ ރޯދަވީއްލުމުގެ ހަރަކާތްތައް ބާއްވަމުންދެއެވެ. އެގޮތުން އެކި ޖަމްޢިއްޔާ ޖަމާއަތްތަކުން ގުޅިގެން ރޯދަ ވީއްލާ ގަޑިތަކާ ދިމާކޮށް މާލޭ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ ވީއްލަން ބޭނުންވާނެ ކަދުރާއި ފެން ބަހަމުންދެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ގިނަ މިސްކިތްތަކުގައިވެސް ރޯދަވީއްލުންތައް ދަނީ ބާއްވަމުންނެވެ.