އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) ގެ ކަލަންޑަރާ އެއްގޮތަށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ބަދަލުކުރަން ޖެހޭ ކަމަށް ފީފާއިން ބުނެފިއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާއިން މި ގޮތަށް އެދުނީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށްފަހު ހޯމަ ދުވަހު ކުލަބުތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މި ގޮތުން ފީފާއިން އެދިފައިވަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހު ސީޒަން ފަށައި، އަނެއް އަހަރުގެ މެއި މަހަށް ސީޒަން ނިންމާ ގޮތަށް ހެދުމަށެވެ.
"ފީފާއިން އެދުނީ މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ސީޒަން ކުޅެމުން އަންނަ ދުވަސްވަރަށް ވެފައި ހާއްސަކޮށް ރާއްޖެ އަކީ އޭޝިއާގެ ގައުމަކަށްވާއިރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނަކީ އޭއެފްސީން ނެރޭ ކަލަންޑަރާ އެއްގޮތް އެއްޗަކަށް ހަދަން ޖެހޭ ކަމަށް ދެކިގެން. ނޯމަލައިޒޭޝަން ކޮމިޓީގެ ކިބައިން ފީފާއިން އެދިފައިވަނީ ކުލަބުތަކާ ވާހަކަ ދައްކައިގެން މިކަމަށް ގޮތެއް ހޯދަން،" ބައްދަލުވުމުގައި ބައިވެރިވި އޮފިޝަލަކު ބުންޏެވެ.
މި ގޮތަށް ރާއްޖޭގެ ސީޒަން ބަދަލުކުރުމަށްޓަކައި އަންނަ އޭޕްރީލް މަހު ފަށަން ތައްޔާރުވާ ދިވެހި ޕްރިމިއަރ ލީގު ކުރުކޮށްލަން ނުވަތަ އޭގެ ބަދަލުގައި ކުރު މުބާރާތެއް ކުޅުމަށްފަހު، 2025 ވަނަ އަހަރުގެ ސީޒަން ނިންމާލަންވެސް ފީފާއިން ވަނީ ލަފާދީފައެވެ.
ނަމަވެސް މިކަމަށް ގޮތެއް ނިންމާނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ 10 ކުލަބާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މަޝްވަރާކޮށްގެންނެވެ.
ރާއްޖޭގައި އާންމުކޮށް ސީޒަން ކުޅެ އުޅެނީ އަހަރުގެ ކުރީކޮޅުން ފެށިގެން ގޮސް ނޮވެމްބަރު ނުވަތަ ޑިސެމްބަރަށް ސީޒަން ނިންމާ ގޮތަށެވެ. ނަމަވެސް 2021 ވަނަ އަހަރު ފެށިގެން އެއް ސީޒަނެއްގައި ޔޫރަޕުގެ ގައުމުތަކުގައި އޮންނަ ގޮތަށް ސީޒަން ބަދަލުކުރިއެވެ. އެކަމަކު އެކަން ކާމިޔާބުވެފައެއް ނުވެއެވެ.