މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 31.6 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 210 މަސްދޯންޏަކުން މަސް ކިރުވާފައިވެއެެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 31.6 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެކުރީ ހަފްތާއާ އަޅާބަލާއިރު 32.2 އިންސައްތަ އިތުރު އަދަދެކެވެ. އޭގެކުރީ ހަފްތާ މަސްވެރިންނަށް ދޫކޮށްފައިވަނީ 23.9 މިލިޔަން ރުފިޔާއެވެ.
ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވާފައިވަނީ މި މާރިޗްމަހުގެ 8 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއިން ވަނީ 40 މަސްދޯންޏަކަށް 7.5 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބުރުއަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް އެ ކުންފުނިން ވަނީ 120 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޖަނަވަރީ މަހާއި އަޅާބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ. ޖަނަވަރީ މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 177 މިލިޔަން ރުފިޔާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
މަހަށް ނިކުންނަ ދޯނިތައް އިތުރުވެފައިވާއިރު، މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޭން ފެށުމުން ދޯނިތަކުން ފޭބި ޒުވާނުން ދޯނިތަކަށް އަނބުރާ އަންނަން ފަށާފައިވާ ކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މަސް ބަންދުކުރާ ކާރުޚާނާއެއް ހުޅުމާލޭގައި އެޅުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.