ޚަބަރު

ބްރޯޑްކޮމްގެ ނައިބު ރައީސްކަމުގެ މަޤާމުން ފަޒީން އިސްތިއުފާދެއްވައިފި


  • އޭނާވަނީ އިސްތިއުފާ ދެއްވިކަން އަންގަވާ ރައީސްއަށް ސިޓީ ފޮނުވާފައި

  • އޭނާގެ މައްޗަށްކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރޭ

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުން އެކިމިޝަނުގެ ނައިބު ރައީސް މުޙައްމަދު ފަޒީން އިސްތިއުފާދެއްވައިފިއެވެ.

އޭނާ އެމަޤާމުން އިސްތިއުފާދެއްވާފައިވާއިރު، އޭނާ އެމަޤާމުން ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީންދަނީ މައްސަލައެއް ބަލަމުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ކޮމިޓީން ބަލަމުންދިޔައީ އޭނާއާއި ގުޅުންހުރި ޖިންސީ ފުރައްސާރައާއި ގުޅޭ މައްސަލައެކެވެ. އެހެންނަމަވެސް އެމައްސަލައިގެ ބާވަތުން ކޮމިޓީތައް ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާގެ މައްސަލައިގައި ގޮތެއް ނިންމުމަށް މަޖިލީހުން ކަނޑައަޅާފައި އޮތީ މިއަދެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސްކަމުގެ މަޤާމުން އޭނާ އިސްތިއުފާދެއްވާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީ އޭނާވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އިސްތިއުފާގެ ސިޓީއާއި ވަކީލުގެ ބަޔާނަކާއެކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި އޭނާވަނީ މަޤާމާއި ޙަވާލުވުމަށްފަހު މަސައްކަތް ކުރެއްވީ އެއްވެސް ފަރާތަކަށް ނުޖެހި ބްރޯޑްކޮމްގެ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން އެއްވެސް ހެއްކެއް މިހާތަނަށް ދެއްކިފައިނުވާކަމަށް އޭނާވަނީ ފާހަގަކޮށްފައެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ފަޒީން ޢައްޔަންކުރައްވާފައިވަނީ 2021 ވަނަ އަހަރުގެ މަރިޗު މަހުގެ 7 ވަނަ ދުވަހުގައެވެ.